އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ، ޗުއްޓީ އަށް ރާއްޖެ އައިސްފިއެވެ.

ފަސް އަހަރުފަހުން ލައިވް ސްޓޭޖް ޝޯ އެއް ދުބާއީގައި ދިނުމަށްފަހު ބިޔޯންސޭ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގައެވެ. ބިޔޯންސޭގެ ފިރިމީހާ މަޝްހޫރު ރެޕާ ޖޭޒީ އާއި ދެމަފިރިންގެ ތިން ކުދިންނާ އެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައި ވާއިރު ބިޔޯންސޭ ވަނީ މީގެ ކުރިން ވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

ޕްރައިވެޓް ޖެޓެއްގައި އެ އާއިލާ ރާއްޖެ އައި އިރު ދެމީހުން އެއްކޮށް ޗުއްޓީ ހޭދަކުރާ ގޮތުގެ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާ އަށް އަޕްލޯޑު ކޮށްފައެއް ނުވެއެވެ. ޕްރައިވެޓް ވެކޭޝަނެއް ދެތަރިންވެސް ހޭދަކުރާއިރު ބިޔޯންސޭ އެންމެ ފަހުން ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރުއެވެ. އެފަހަރުވެސް އެމީހުން ޗުއްޓީ ހޭދަކުރީ އެސްޓޯރިއާ އިތާފުށީގެ ހިތްގައިމު މާހައުލުގައެވެ.

އުމުރުން 41 އަހަރުގެ ބިޔޯންސޭ އޭނާގެ މިއުޒިކީ ކެރިއަރު ފެށީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. ނުވައިދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ބިޔޯންސޭ ވަނީ މިއުޒިކީ އިންޑަސްޓްރީގައި ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައެވެ. ދުވަސްވީ މިއުޒިކް ކެރިއަރުގައި ބިޔޯންސޭ ވަނީ 28 ގްރެމީ އެވޯޑު ހާސިލްކޮށްފައެވެ. އޭނާގެ ކެރިއަރުގައި ވަނީ ޖުމްލަ 79 އެވޯޑަށް ނޮމިނޭޓްވެފައެވެ.