ޓްވިޓާގެ އުސޫލުތަކާ ހިފާލުވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ބޮލީވުޑްގެ ނުފޫޒުގަދަ ބަތަލާ ކަންގަނާ، ސަސްޕެންޑު ކޮށްފައި އޮތުމަށްފަހު އަލުން އެ އެކައުންޓު ބޭނުންކުރަން ފަށައިފިއެވެ.

ޓްވިޓާގެ އުސޫލުތަކާ ހިލާފަށް ޓްވީޓްކުރަމުންދާ ކަމަށް ބުނެ އެ ޕްލެޓްފޯމުން ކަންގަނާ ބޭރުކޮށްލިއިރު އޭނާ އޭރު ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭރު ކަންގަނާ ބުނީ ޓްވިޓާ އިން ބޭރުކޮށްލި ނަމަވެސް އޭނާ އަތުގައި ހިޔާލުފާޅު ކުރަން އެހެން ޕްލެޓްފޯމްތައް އެބަހުރި ކަމަށާއި އެކަމާ ޓްވިޓާއިން ބޭރުކޮށްލުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަތުން ކަމަށެވެ. އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ކަންގަނާގެ ރަސްމީ ޓްވިޓާ އެކައުންޓް އަލުން އިޔާދަވެފައި ވާއިރު އޭނާ ޓްވިޓާ އަށް އަލުން ވަދެ ބުނީ އެނބުރި މި ޕްލެޓްފޯމަށް އާދެމުން ވަރަށް ބޮޑަށް އުފާވާކަމަށެވެ.

ކުރިން ކަންގަނާގެ އެކައުންޓު ވެރިފައި ނަމަވެސް މިހާރު އެ އެކައުންޓު ވެރިފައިއެއް ނޫނެވެ. ޓްވިޓާ އަށް ވަދެވުމާއެކު އޭނާ ކުރި އެންމެ ފުރަތަމަ ޓްވިޓާ އަކީ އޭނާގެ ކުރިއަށް އޮތް ފިލްމު "އެމަޖެންސީ" ރިލީޒްކުރާ ތާރީހު އާންމުކުރުމެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް އަންނަ "އެމަޖެންސީ" އަކީ ކަންގަނާގެ އަމިއްލަ ޑައިރެކްޝަނެކެވެ. ފިލްމުން ފެނިގެންދާނީ އިންޑިއާގެ ބޮޑު ވަޒީރުކަން ކުރެއްވި ވަރުގަދަ ޝަޚްޞިއްޔަތު އިންދިރާ ގާންދީ 1975އިން 1977އަށް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރެވެ.

ފިލްމުގައި ކަންގަނާ ޕްރައިމް މިނިސްޓަރުގެ ރޯލުން ފެނިގެންދާއިރު ފިލްމުގައި ދެން ހަރަކާތްތެރިވާނެ ތަރިންނަކީ އަނޫޕަމް ޚޭރް، ޝްރޭޔަސް ތަލްޕަޅޭ އަދި މިލިންދް ސޯނަމްއެވެ.