އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ޒުވާނުންނަށް ހާއްސަކޮށްގެން ބޮޑު ހަރަކާތެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ 8:15 ގައި މާލޭ ލޮނުޒިޔާރަތް ޕާކުގައި "ޖީލެއްގެ ދިރުން" ނަމުގައި ބާއްވާ މި ހަރަކާތުގައި ރައީސް ނަޝީދު އާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައި ވާއިރު މި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިން އިވެންޓްތައް ބާއްވަމުންނެވެ. މި ގޮތުން މިހާރު ކެމްޕެއިންގައި ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ހުރިހާ އަވަށެއްގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި ވާއިރު މާދަމާ ރައީސް ސޯލިހްވެސް އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ދެ ރައީސުންވެސް ވަރަށް ބޮޑަށް ތައްޔާރުވަމުން ގެންދަވާއިރު ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތް ނިންމާލުމަށް ބާއްވާ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލާ ޖަލްސާ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.