އެސް ޕްރޮޑަކްޝަންސް އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާ ދިވެހި ފިލްމު ''ލޯބިވެވިއްޖެ'' އަންނަ މެއި މަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލް ކޮށްފިއެވެ.
ފިލްމު ރިލީޒްކުރާ ތާރީހު އަދި ފިލްމުގެ އޮފިޝަލް ޕޯސްޓަރުގެ އިތުރުން ފިލްމުގެ ޓްރެއިލާ އިއްޔެ ސޮލައިޓް ރެސްޓޯރަންޓްގައި ވަނީ ލޯންޗްކޮށްފައެވެ.
މެއި މަހުގެ ތިން ވަނަ ދުވަހު ރިލީޒް ކުރާ މި ފިލްމު ވެގެންދާނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އޮލިމްޕަސް ސްކްރީނުގައި އަޅުވާ ދެވަނަ ފިލްމަށެވެ. ދިވެހި ފިލްމު ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޝޫޓިން ފެށި ފިލްމެކެވެ. ފިލްމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމުނު ނަމަވެސް ފިލްމު އެޅުވުން ލަސްވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޮލިމްޕަސް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.
މާލޭގެ އިތުރުން ގދ. ތިނަދޫ، ސްރީލަންކާގެ ކޮލަމްބޯ އަދި ނުއަރަލިޔާ ގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ތިނަދޫގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަލީ ސީޒަން، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއުޕ (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) އެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރު އަހްމަދު ޒަރީރެވެ. ކެމެރާމަން އަކީ އިބްރާހީމް މޫސާ (ދަބަ)އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ކުޅަދާނަ އެކްޓަރު އަލީ ސީޒަންއެވެ. ޖުމްލަ 8 ލަވަ ހިމެނޭ ގޮތަށް އުފައްދާފައިވާ މި ފިލްމުގެ ހުރިހާ ލަވަތަކެއް މިހާރު އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައި ވާއިރު ފިލްމުގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ހަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އަންމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް އަލީ އަދި ނަފްހާއެވެ.