މި ޕްރައިމަރީގެ ކާމިޔާބީގެ އިތުރުން ވެރިކަމަށް އާދެވޭނެ ގޮތް ސާފުކަން ފާހަގަ ކުރައްވާ، ކުރިއަށްދާން އޮތީ ދެ މަގެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅުގައި ފުވައްމުލަކަށް އިއްޔެ ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވަމުން ސޯލިހް ވިދާޅުވީ، ކުރިމަތީގައި ދެ މަގެއްވާ ކަމަށާއި އެއް މަގަކީ ބާރު ބާރަށް ގޮސް އަނެއްކާ ވެސް އެމްޑީޕީ މަގުމަތިވެ "ދޫކޮށްލާ، ދޫކޮށްލާ، ދޫކޮށްލާ" ގޮވާލަ ގޮވާލައި މަގުމަތީގައި ތިބުން ނުވަތަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަށް ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު އިންތިހާބު ކުރެއްވުން ކަމުގައެވެ.

މާދަޑު އަވަށުގައި ހުންނަ ސޯލިހްގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ "ފުރަތަމަ ކުރަންވީ ކަންކަން އަޅުގަނޑުމެން ފުރަތަމަ ކުރަންވީ. އެއީ 2023 އަޅުގަނޑުމެންނަށް ހޯދުން. މި ޕްރައިމަރީ އަޅުގަނޑަށް ކާމިޔާބު ކޮށްދެއްވުން. އެއަށް ފަހު 2024 އާ މެދު އަޅުގަނޑުމެން ވިސްނަން ވީ ވެސް. އަޅުގަނޑުމެންނަށް އެބަ އިނގޭ ރިޔާސީ އިންތިހާބު ކާމިޔާބުވާނެ ގޮތް. އެމަގުން އަޅުގަނޑުމެން ހިނގަންވީ" ކަމަށެވެ.

މީގެ އިތުރުންވެސް އެމަނިކުފާނަށް ތާއީދު ކޮށްދިނުމަށް އެދި އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ކިބައިން ރޭ އެދިވަަޑައިގެންފައި ވެއެވެ. ފާއިތުވި ސަރުކާރުތަކުގެ ވެރިކަމަށް އަލި އަޅުވާލައްވަމުން އިތުރަށް އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ނެތި އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށް އަދި މަޖިލީހުގެ މެޖޯރިޓީ ހޯދުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖެއަށް ގެންނަ ތަރައްގީ އާއި ސުލްހަ މަސަލަސްކަމާއި އިސްލާހީ ބަދަލުތައް އަދި މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނަށް ވޯޓް ދޭން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ކެމްޕެއިންގެ އެންމެ ފަހުގެ ތައްޔާރީތައް ވުމުގެ ގޮތުން ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު ފުވައްމުލަކުގެ އިތުރުން ދެން އެމަނިކުފާނު ދަތުރުކުރައްވަން ހަމަޖެހިފައި އޮތީ ހުވަދު އަތޮޅަށެވެ.

އަދި މީގެ ކުރިން ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ހއ. ހދ. ށ. ނ. ރ. ބ. ޅ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.