އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ޖަންމޫ ސަރަހައްދުގައި ދެ އައިއީޑީ ގޮއްވާލައި 7 މީހަކު ޒަހަމް ކޮށްލައިފިއެވެ.

ޖަންމޫގެ ނަރްވަލް ސަރަހައްދުގައި ހިނގި މިހާދިސާގައި ދެ ބޮން ގޮއްވާލީ ގާތްގާތުގައި ކަމަށާއި ފުރަތަމަ ބޮމުގައި 5 މީހަކު ޒަހަމްވި ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެ ބޮން ގޮއްވާލާފައި ވަނީ މަހެންދްރަ ބޮލޭރޯ މަރުކާގެ ވެހިކަލެއްގައި ހަރުކޮށްގެން ކަމަށް ވެސް ބުނެެއެވެ.

މި ހަމަލާގެ ތުހުމަތު ލަޝްކަރޭ ތައިބާ އަށް ކުރާ އިރު، އެ ޖަމާއަތަކީ ޖަންމޫ އާއި ކަޝްމީރުގައި ޓެރަރިސްޓް ހަމަލާ ދޭ ޖަމާއަތެކެވެ. އަދި އިންޑިއާ ސަރުކާރާއި ބައިނަލްއަގުވާމީ ފަރާތްތަކުން ބްލެކް ލިސްޓް ކޮށްފައިވެސް އޮންނަ ޖަމާއަތެކެވެ.

އެ ސަރަހައްދުގެ ލެފްޓިނަންޓް ގަވަރުނަރު މީޑިއާތަކަށް ވިދާޅުވީ، ހަމަލާ ދިން ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި ނާތަހުޒީބު އެފަދަ ކަންތައްތަކަށް ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

މިހާދިސާގައި ޒަހަމްވި ފަރާތްތަކަށް މާލީ އެހީއެއްގެ ގޮތުގައި ކޮންމެ މީހަކަށް 50،000 ރުޕީސް (620 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމާފައެވެ.