ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހިރާއްޖޭގައި ތިބި ޢައްދާރުންނާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށާއި ޣައްދާރުން "އޯކޭ ނޫން" ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން 'އޯކޭ' ނޫން ކަމަށާއި އެ މަނިކުފާނާއެކު ކުރައްވާނެ ސިޔާސީ މަސައްކަތްތެއް ވެސް ނޮންނާނެ ކަމަށް ރޭ ވިދާޅުވުމާ ގުޅިގެން ރައްދު ދެއްވަމުންނެވެ.
މި ގޮތުން އަބްދުއްރަހީމް ވިދާޅުވީ ގައުމުގައި ތިބި ޢައްދާރުންނާއެކު މަސައްކަތް ކުރައްވަން ރައީސް ޔާމީން ނޫޅުއްވާ ކަމަށާއި އަދި އެއީ އެ މަނިކުފާނު ދުވަހަކުވެސް ކުރައްވާނެ ކަމަށެވެ. އަދި ދިވެހި ތާރީހު މިހާތަނަށް ދުށް އެންމެ ބޮޑު ޢައްދާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަތީ އިންތިހާބާ ދިމާކޮށް އުފެދިފައިވާ ހަމަނުޖެހުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ރައީސް ސޯލިހް އަށް ފާޑުވިދާޅު ވެ ނަޝީދު ވިދާޅުވީ ރައީސް ޔާމިނަކީ، ރައީސް ސޯލިހަށް ވުރެ ތަންދޮރު ދަންނަ ވިޝަނެއް ގެންގުޅުއްވާ ލިޑަރެއް ކަމަށެވެ. އަދި ރައީސް ސޯލިހް އާ މެދު އެ ގޮތަށް ދެންނެވެން ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ނިކުންނަ ގޮތަކުން އެ މަނިކުފާނު ރައީސް ޔާމީނާއެކު ކޯލިޝަން ހައްދަވާފާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުން ބަލިވެއްޖެނަމަ ހުންނަވާނީ ގެކޮޅުގައި ކަމަށެވެ.