ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ ހުންނެވި ދުވަސް ވަރު، ހިންގި ގަތުލު އާންމު ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާ ކަމަށް ބީބީސީން ރިޕޯޓު ކުރުމުން އިންޑިއާއިން އެކަން ދޮގުކޮށްފިއެވެ.

ގުޖުރާތުގައި 2002 ވަނަ އަހަރު އެ ގަތުލު އާންމު ހިނގީ، ހިންދޫ ދީނުގެ އަޅުވެރިންތަކެއް އުފުލި ރޭލެއްގައި އަލިފާން ރޯވެ 59 މީހަކު މަރުވި ހާދިސާގައި އެކަން ކުރީ މުސްލިމުން ކަމަށް ނިންމާ، ހިންދޫން މުސްލިމުންނަށް ހަމަލާދީ، މުސްލިމް އަންހެނުން ރޭޕް ކޮށް، ގެދޮރުގައި ހުޅުޖަހާ، މަރަން ފެށުމުންނެވެ. އެ ގަތުލުއާންމުގައި 1000 އަކަށް ވުރެ ގިނަ މީހުން މަރުވި އިރު ގިނައީ މުސްލިމުންނެވެ.

އެހާދިސާގެ މައްޗަށް ބީބީސީން ތައްޔާރު ކޮށް އާންމު ކުރި ޑޮކިއުމެންޓަރީއެއްގައި، އެ ހަމަނުޖެހުން ހުއްޓުވުމަށް މޯދީ ހުރަސް އެޅުއްވި ކަމަށާއި، މުސްލިމުންނަށް ޓާގެޓް ކޮށް ދެމުން ދިޔަ ހަމަލާތަކުގެ ތެރެއަށް ފުލުހުން ނުވަނުމަށް އެންގެވި ކަމަށް ގިނަ މަސްދަރުތަކާ ހަވާލާދީ ބުނެފައި ވެއެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ އޭރު އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރު ޖެކް ސްޓްރޯއެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ހަމަލާތައް ހުއްޓުވަން ފުލުހުން ކުރި މަސައްކަތަށް ހުރަސް އަޅުއްވާ ހިންދޫންނަށް މޯދީ ހިއްވަރު ދެއްވިކަމަށް ހޯދުންތަކުން ސާފުވާ ކަމަށެވެ. އަދި އެކަން ފެންނަން އޮތީ، އެހާދިސާ ތަހުގީގު ކުރުމަށް ފޮނުވި އިނގިރޭސި ޓީމުން ކުރި ތަހުގީގާއި ހޯދި ހޯދުންތަކުން ކަމަށްވެސް އޭނާ ވިދާޅުވެެއެވެ.

މީގެ އިތުރުންވެސް، އެ ހާދިސާއާ ގުޅުން ހުރި ގިނަ ބަޔަކާ ބީބީސީން ވާހަކަ ދައްކާފައި ވާ އިރު ތަހުގީގު ރިޕޯޓަށް ބިނާކޮށް ބުނެފައި ވަނީ މޯދީ ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އިންސާފުވެރި ބަދަލެއް ނުލިބޭނެ ކަމަށެވެ.

ބީބީސީގެ މި ރިޕޯޓާ ގުޅިގެން އިންޑިއާ އިން ވަނީ، އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށާއި ޕްރޮޕެގެންޑާއެއް ކަމަށް ބުނެފައެވެ. އަދި އެއީ އެއްފަރާތަކަށް ޖެހި އަސްލެއް ނެތް ވާހަކަތަކެއް ހިމަނާ އިނގިރޭސި އިސްތިއުމާރުގެ ސިފަ ޖައްސާފައި އޮތް ރިޕޯޓެއް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އަރިންދަމް ބާޗީ ވިދާޅުވެއެވެ. އަދި މޯދީ ވެސް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އެކަމުން ބަރީއަވެ ވަޑައިގެންފައެވެ.

ބީބީސީގެ ޑޮކިއުމެންޓްރީ ނެރުމާ ހަމައަށް އިނގިރޭސި ސަރުކާރުން ހެދި ތަހުގީގު ރިޕޯޓު އޮތީ ހާމަ ނުކޮށެވެ. އެ ތަހުގީގައި އިތުރަށް ބުނެފައި ވަނީ، ގުޖުރާތުގެ އެ ހަމަނުޖެހުން ރޭވީ މޯދީ ކުޑަ އިރު މެންބަރަކަށް އުޅުއްވި ރަޝްތްރިޔާ ސްވަޔަމްސެވަކް ސަންގް (އާރުއެސްއެސް) ގެ ބައިވެރިއެއް ކަމަށް ވާ ވިޝްވާ ހިންދޫ ޕަރީޝާދް (ވީއެޗްޕީ) ކިޔާ ޖަމާއަތަކުން ކަމަށެވެ. މި އާރުއެސްއެސް އަކީ، ހިންދޫންގެ ތެރޭގައި އޮންނަ ޕެރަމިލިޓަރީ (ސިފައިން ގޮތަށް ހަރަކާތަތެރިވާ އަމިއްލަ ޖަމާއަތެއް) އަސްކަރީ ޖަމާއަތެކެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ، ގުޖުރާތުގެ އޭރުގެ ސަރުކާރުގެ ބައިވެރިވުން ނެތި ވީއެޗްއެފް އަށް އެހާ ފުޅާ ދާއިރާއެއްގައި ހަމަނުޖެހުން ނުހިންގޭނެ ކަމަށެވެ.

ގުޖުރާތު ގަތުލުއާންމަކީ އިންޑިއާގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ނުރައްކާތެރި ދީނީ ކުރިމަތިލުމެވެ. ހިންދޫން މުސްލިމުން ފަހާ ދުވެ އެތައް ބަޔަކަށް ލާއިންސާނީ އަނިޔާ ދިން އިރު އޭގެ ތެރެއިން އެކަކީ ބަލްގިސް ބާނޯއެވެ. ބަލްގިސް ބާނޯ ރޭޕް ކޮށް، އޭނާގެ އާއިލާ ހިމެނޭހެން 7 މީހަކު މަރާލި ހާދިސާ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވާ އިރު، އޭނާގެ ކޭސް އަދިވެސް ސްޕްރީމް ކޯޓުގައި ހިނގަމުން އެބަދެއެވެ. ނަމަވެސް އޭނާ ރޭޕްކޮށް 7 މީހުން މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށް ލައިފައި ތިބި 11 މީހުން، މިހާރު ތިބީ ދޫކޮށްލާފައެވެ.