އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުގައި، ރާއްޖޭގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ ފޮރިން މިނިަސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރެއްވުމަށް ފަހު ދެއްވި ޕްރެސްގައި ޖައިޝަންކަރު ވިދާޅުވީ، ރައްޖޭގެ ބޭނުންތަކަށް އެހީވެދޭން އިންޑިއާ އަބަދުވެސް ތައްޔާރު ކަމަށާއި އަދި ރާއްޖެ ހިމެނޭހެން ސަރަހައްދީ ގޮތުންވެސް އެހީވެދޭން އިންޑިއާ ތައްޔާރު ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދެގައުމަކީ ވަރަށް ރަނގަޅު ގާތް ގުޅުމެއް އޮތް ދެގައުމު ކަމަށެވެ. އަދި ތަރައްގީގެ އެކި ދާއިރާތަކުން އިންވެސްޓް ކުރެވެމުން ދާ އިރު، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެގައުމުގެ ޒިންމާއެއް އެބައޮތް ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، މިހާރުވެސް ދެގައުމުގެ ދެމެދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގާއިމު ކުރެވިފައި އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި އެގުޅުން އިތުރަށް ތަރައްގީ ވަމުން ދާކަމަށެވެ.

"ބައިނަލްއަގުވާމީ ދާއިރާގެ ގުޅުންތަކުގައި ގިނަ ކަންކަން ހައްލުކުރުމަށް ސަމާލުކަން ދެމުން ދާއިރު ރާއްޖޭގެ މަސްލަހަތުވެސް ރައްކާތެރި ކޮށްދެމުން މިދަނީ، ރާއްޖޭގެ މައްސަލަތަކަކީ އަހަރެމެންގެވެސް މައްސަލަތަކެއް"
ޑރ. ޖައިޝަންކަރް

ޖައިޝަންކަރުގެ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ވެސް ބައްދަލު ކުރައްވާނެއެވެ. އަދި އިންޑިއާއިން ހަރަދު ކޮށްގެން ހދ. ހަނިމާދޫގެ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު މިރޭ ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވަނީ މިމަހުގެ 20 ވާ ހުކުރު ދުވަހުއެވެ.