މަޝްރޫއުތަކާ ގުޅިގެން ކުރިން އަންނަ ބޮޑެތި ޝަކުވާތައް މިހާރު ނާންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ހދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުމުންދޫގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ރަށްރަށަށް ދިޔުމުން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ފަރާތުން ބޮޑެތި ޝަކުވާތައް ލިބޭ ކަމަށާއި އެހެން ނަމަވެސް މިހާރު ރަށްރަށަށް ވަޑައިގެންވުމުން އާންމުން އެދެނީ ވަރަށް ކުދި ކުދި ބަދަލުތައް މަޝްރޫއުތަކަށް ގެންނަން ކަމަށެވެ.

މި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ރަނގަޅަށް ހިނގާ ފެންވަރު ރަނގަޅު މަޝްރޫއުތަކެއް ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަން ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި އެކަމަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ގިނަ ރަށްރަށުން އެދެނީ މަދު ރަށެއް ފިޔަވައި ނެރު ފައިކަށި ކޮންމެވެސް އަރިއަކަށްޖައްސާލަން ނޫނީ ބޭރު ތޮއްޓަށް ކުދި ލޯންޗުފަހަރު ކައިރި ކުރެވޭ ގޮތަށް ބަނދަރު ބަދަލުކުރުން ފަދަ ކަންކަމަށް ކަމަށެވެ.

ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ހިދުމަތްތައް ލިބެން ޖެހޭ ކަމަށާއި މި ސަރުކާރުން އެ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށީ ވަކި ރަށަކަށް އަދި ސިޓީއަކަށް ނުބަލާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބޮޑު ރަށެއް، ކުޑަ ރަށެއް، މެދު ރަށެއް ސިޓީއެއް ނުބަލާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއްވި ކަމަށާއި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މައްސަލަތަކާއި ތައުލީމާއި ޒުވާނުންގެ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުން ދަނީ ބަރާބަރަށް ފުރިހަމަކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރ، ބ، ނ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި މި މަހުގެ 13 އިން 15 އަށް އައްޑޫއަށް ވަޑައިގެންފައި ވާއިރު އުތުރު މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ހދ. އަދި ށ ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

ހދ .ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށަށްވެސް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.