އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނުންނަށް އެމީހުންގެ މުއްސަނދި ކަމުގެ 46 ޕަސެންޓު ލިބިފައި ވަނީ 2021 ވަނަ އަހަރުގައި ކަމަށް އޮކްސްފާމްގެ ރިޕޯޓެއްގައި ބުނެފިއެވެ.

2020 ވަނަ އަހަރާ ހަމައަށް އިންޑިއާގައި ތިބީ 102 ބިލިއަނަރުން ކަމަށާއި، ނަމަވެސް 2022 ވަނަ އަހަރު އެއަދަދު 166 އަށް އިތުރު ވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން އިންޑިއާގެ ފަގީރުން އިންތިހާ ފަގީރު ކަމަށާއި ދިރިއުޅުމުގެ އެންމެ އަސާސީ ހިދުމަތްތައް ވެސް އެމީހުންނަށް ނުލިބޭކަމަށް ބުނެފައި ވެއެވެ.

އަދި މިކަމުން އަރައިގަތުމަށް އިންޑިއާގެ މަހުޖަނުންގެ އަތުން ވަކި ޓެކްސްއެއް ނެގުމަށް އެފަރާތްތަކުން ވަނީ އިންޑިއާގެ ފިނޭންސް މިނިސްޓަރަށް ގޮވާލާފައެވެ.

"ސަވައިވަލް އޮފް ދަ ރިޗެސްޓް" ރިޕޯޓު ނެރެފައި ވަނީ ސްވިޒަލޭންޑުގެ ޑަވޯސްގައި ވޯލްޑް އިކޮނިމިކް ފޯރަމް ފެށި ދުވަސްވަރާ ދިމާކޮށް ކަން ފާހަގަ ކޮށްލެވެއެވެ.

މިރިޕޯޓުގައި އިންޑިއާގައި މުއްސަނދިންނާއި ފަގީރުންގެ ތަފާތު މާ ބޮޑަށް ވެއް ބޮޑުކަން ފާހަގަކޮށް ބުނެފައިވާ ގޮތުން 2012 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގައި އުފެދިފައިވާ މުއްސަނދިކަމުގެ 40 ޕަސެންޓު ގޮސްފައި ވަނީ އާބާދީގެ އެންމެ 1 ޕަސެންޓު ހިއްސާކުރާ މަހުޖަނުންނަށެވެ. އަދި އާބާދީގެ 50 ޕަސެންޓު ހިއްސާކުރާ ފަގީރުންނަށް ގޮސްފައި ވަނީ މީގެ އެންމެ 3 ޕަސެންޓެވެ.

އިންޑިއާގެ އެންމެ މުއްސަނދި މީހާގެ ރިކޯޑު އޮންނަ ގޯތަމް އަދާނީގެ މިލްކިއްޔާތު 2022 ވަނަ އަހަރު 46 ޕަސެންޓު އިތުރުވި އިރު، އިންޑިއާގެ އެންމެ މުއްސަނދި 100 މީހުންގެ މިލްކިއްޔާތުގެ ޖުމްލަ އަދަދު 660 ބިލިއަން ޑޮލަރަށް އަރައެވެ.

2022 ވަނަ އަހަރު މުއްސަނދިކަން އެންމެ އިތުރުވި މީހުންގެ ލިސްޓުގެ އެއްވަނަ އަދާނީ އަށް ލިބިފައި ވާއިރު، އޭނާ ވަނީ ބްލޫމްބާގްގެ ވެލްތް އިންޑެކްސް އިން ދުނިޔޭގެ 2 ވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމުވެސް ހޯދާފައެވެ.

މީގެ އިތުރުން އިންޑިއާގެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ އަތުން، މުއްސަނދިންނަށް ވުރެ ގިނައިން ޓެކްސް ނަގާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. މިގޮތުން މުދަލާއި ހިދުމަތުން ނެގޭ ޓެކްސް ގެ 64 ޕަސެންޓު، މެދުފަންތީގެ އަދި ފަގީރުންގެ އަތުން ނެގިފައިވާ އިރު މުއްސަނދިންގެ އަތުން ނެގިފައި ވަނީ 4 ޕަސެންޓު ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އޮކްސްފާމްގެ އިންޑިއާގެ ސީއީއޯ އަމީތާބް ބެހާރް ވިދާޅުވި ގޮތުން އިންޑިއާ މިހާރު ބަދަލުވަމުން ދަނީ ހަމަ އެކަނި މުއްސަނދިންނަށް އޮތް ގައުމަކަށެވެ. އަދި ޓެކްސް ކުޑަކުރުމާއި ޓެކްސްއިން އިސްތިސްނާ ކުރުން ފަދަ ކަންތައްތަކުން ހުރިހާ ފައިދާއެއް ލިބެނީ ވެސް މުއްސަނދިންނަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ކަމުން މިފަދަ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ދެން އެކުލަވާލައި ބަޖެޓެއްގައި މުއްސަނދިންގެ އަތުން ވެލްތު ޓެކްސް އެއް ނަގަން ހިމެނުމަށް އެ އޮކްސްޕާމް އިން ވަނީ ރިކޮމަންޑޭޝަނެއްގެ ގޮތުގައި އިންޑިއާގެ ފިނޭންސް މިނިސްޓަރަށް ގޮވާލާފައެވެ.

އެގޮތުން އިންޑިއާގެ ބިލިއަނަރުންގެ އަތުން ނެގޭ އެންމެ 2 ޕަސެންޓު ޓެކުހުން ވެސް އިންޑިއާގައި ކާން ބޯން ނުލިބި ތިބި މީހުންގެ އާބާދީއަށް 3 އަހަރު ދުވަސް ވަންދެން އެހީތެރިވެވޭނޭ ކަމަށާއި އަދި 1 ޕަސެންޓު ޓެކުހުން އިންޑިއާގެ އެންމެ ބޮޑު ހެލްތު ސްކީމް، ނޭޝަނަލް ހެލްތު މިޝަނަށް ދޮޅު އަހަރު ދުވަހު ބޭނުން ކުރެވޭނޭ ވަރަށް ފައިސާ ލިބޭނެކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން އިންޑިއާގެ އެންމެ މުއްސަނދި 100 ބިލިއަނަރުންގެ އަތުން އަހަރެއްގެ މައްޗަށް 2.5 ޕަސެންޓު ޓެކުސް ނުވަތަ އެންމެ މުއްސަނދި 10 މީހުންގެ އަތުން އަހަރަކު 5 ޕަސެންޓު ޓެކުސް ނަގައިފި ކަމުގައި ވާނަމަ، އިންޑިއާގައި ކިޔެވުމުން މަހުރޫމު ވެފައިވާ 150 މިލިއަން ކުޑަކުދިން ސްކޫލަށް ވައްދައި ކިޔަވައި ދެވޭނޭ ހަރަދު ހަމަޖެއްސިދާނެ ކަމުގައި ވެސް މި ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

އޮކްސްފާމް އިންޓަނޭޝަނަލްގެ އެކްޒެކެޓިވް ޑިރެކްޓަރު ގެބްރިއެލާ ބުޗާ ވިދާޅުވި ގޮތުގައި މުއްސަނދިންގެ އަތުން ނެގޭ ޓެކުސް ކުޑަކުރުމަކީ ނުވަތަ ކަނޑާލުމަކީ އެމީހުންނަށް އެއިން ބޮޑެތި ފައިދާތަކެއް ލިބި އާމްދަނީ އިތުރުކުރުމަށް ހުޅުވާލެވޭ އިތުރު ދޮރެއް ކަމުގައިވާ އިރު، މީގެ ސަބަބުން އާންމު ރައްޔިތުންނަށް ވަނީ ގެއްލުން ކަމަށާއި މި ތަފާތުތައް ނައްތާލައި ހަމަހަމަކަން ގާއިމުކުރުމަށް މުއްސަނދިންގެ އަތުން ޓެކްސް ނެގުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ބުނެފައި ވެއެވެ.

އޮކްސްފާމް އިންޓަނޭޝަލް އަކީ ދުނިޔޭގެ ފަގީރުކަން ނައްތާލުމުގެ މަގްސަދުގައި، އެހީދޭ 21 ޖަމްއިއްޔާއެއް ހިމަނައިގެން އުފައްދާފައިވާ ފައުންޑޭޝަނެކެވެ. އޮކްސްފާމް އުފައްދާފައި ވަނީ އިގިރޭސިވިލާތުގައެވެ.