ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީން ބަލިވެއްޖެނަމަ އޮންނަވާނީ ގޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން ނ. ކެނދިކުޅުދޫ އަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކެނޑިކުޅުދޫ ރައްޔިތަކު ވަނީ މި އިންތިހާބުން ރައީސް ނަޝީދު ބަލިވެއްޖެނަމަ، އިދިކޮޅު ޕީޕީއެމް އާ ގުޅިވަޑައިގަންނަވާނެތޯ ސުުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމާއެކު ނުހުންނަވާނެ ކަމަށާއި އެއީ ސައްތައިން ސައްތަ ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހާއެކުގައި ވެސް ނުހުންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް އާއި އެކު ނުހުންނާނަން. އެއީ ސަތޭކައިން ސަތޭކައިގެ ކަމެއް. ޕީޕީއެމް އާއި އެކު ނުހުންނާނަން، އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކު ނުހުންނާނަން. އަހަރެން އެކަނި ގޮސް ގޭގަ ހުރީމަ ނިމުނީނު.
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ ޕްރައިމަރީ އާ ދިމާކޮށް އެޕާޓީއިން 39,000 މީހުން ކަނޑާލީ އެމަނިކުފާނަށް ވޯޓު ދީފާނެތީ ކަމަށެވެ. އެގޮތުން ކަނޑާލި މީހުންގެ ތެރޭގައި އެމަނިކުފާނުގެ މަންމާފުޅާއި ބޭބޭފުޅުގެ އިތުރުން ލައިލާ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދެން މިބުނަނީ ބޭބޭ އޭ އިބޫ ބުންޏޭ ކަލޭ ބޭނުމެއްނެތޭ މިހާރަކު، އެހެންވެ ކަނޑާލީއޭ. ފަހުން މަގޮސް ބޭބެ ކައިރީ ބުނަންވީހޭ އޭ މިހާރު އަހަރެމެން ކަލޭ ބޭނުމޭ އަންނާށޭ
ރައީސް މުހައްމަދު ނަޝީދު

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގަ އެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގެއި ވޯޓުލުން ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.