ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ލައިނަލް މެސީ ސައުދީ އަރަބިއްޔާގެ ކްލަބަކަށް ދާން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސްޕެނިޝް ފުޓްބޯޅައިގެ ތަޖުރިބާކާރު ގުލިއަމް ބްލާގް ދޮގުކޮށްފިއެވެ.

ވޭތުވެދިޔަ ދެ ތިން ދުވަހު އާންމު ވި ރިޕޯޓްތަކެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއިން އުމުރުން 35 އަހަރުގެ މެސީ ގަންނަން ޕީއެސްޖީއަށް 245 މިލިއަން ޕައުންޑް ހުށަހަޅާފައިވާ ކަމަށެވެ.

މިއަަހަރުގެ ޖުލައި މަހު މެސީ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދުވަސް ހަމަވި ނަމަވެސް އޭނާ ޕީއެސްޖީއާއެކު މަޑު ކުރާނެ ކަމަށް ބްލާގް ވަނީ ބުނެފައެވެ.

ބްލާގް ބުނީ ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި މެސީއާ ޕީއެސްޖީން ބައްދަލުކުރާނެ ކަމަށާ މި ބައްދަލުވުމުގައި ޕީއެސްޖީއާއެކު ވެފައިވާ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން ނިންމާނެ ކަމަށެވެ.

2021 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު މެސީ ވަނީ 54 މެޗުގައި އެޓީމަށް 24 ލަނޑު ޖަހާ ދީފައެވެ.

ބްލާގް އިތުރށް ބުނީ މި ވަގުތު މެސީ އަދި ބޭނުންވަނީ ޔޫރަޕްގައި މަޑުކުރުމަށް ކަމަށާއި ޔޫރަޕްގައި ހުރި އިތުރު ތަށި ހޯދަން މެސީ ބޭނުންވާ ކަމަށެވެ. އަދި އަލް ހިލާލްއިން ޕީއެސްޖީއަށް ހުށަހެޅުމަށް ހުށަހެޅި ވާހަކަ އަކީ މުޅިން ދޮގެއް ކަމަށް ވެސް ބްލާގް ބުންޏެވެ.

އަލް ހިލާލް އަކީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ޓީމާ އެންމެ ވާދަވެރި ޓީމެވެ. އަލް ނަސްރުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ މެސީގެ ކެރިއަރުގައި އޭނާއާ އެންމެ ގާތުން ވާދަކުރާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބަށް ގެނެސްފައެވެ.