މާފަންނުގައި ހުންނަ އިވްނިން ކެފޭގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކެފޭގައި ވަރަށް ބޮޑަށް ރޯވެ ދުންއަރަމުން ދެއެވެ. އިވްނިން ކެފޭގައި އަލިފާން ރޯވެފައި ވަނީ ސީދާ ކިހާއިރަކު ކަމެއް އަދި އެނގިފައި ނުވި ނަމަވެސް އެތަނުގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން އަންނަނީ ހަރަކާތްތެރި ވަމުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައެވެ.

މިހާރު އިވްނިން ކެފޭގައި ރޯވެފައި ވާއިރު މިދިޔަ ހޯމަ ދުވަހު ހެނދުނު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ވަނީ އަނދާ ހުލިވެފައެވެ. އަދި އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ގދ. ފިޔޯރީ ސްކޫލު ހޯލު އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަންވެސް ވަނީ އަނދާހުލިވެފައެވެ. މި ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަން ރާއްޖެއިން ބޭރުގެ ފޮރިންސިކް ޓީމެއް ގެނެސް ތަހުގީގު ކުރަންވެސް ވަނީ ފަށާފައެވެ.