މާލެ ސިޓީގެ އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަހުރޫމު ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަކުރާރު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕައިންގެ ތެރެއިން މިރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައި ވާ ފަދައިން، އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން ބާކީ ނުކޮށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށެވެ.

މާލެއަށް ހާއްސަކޮށްގެން 7000 ފްލެޓާއި 5000 ގޯތި ދިނުމުގެ މަޝްރޫއެއް ކުރިޔަށް ދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން ކުރިޔަށް ނުގެންދާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މި ފަސް އަހަރު ތެރޭގައި ކުރިއަށް ގެންދާ ކަމަށެވެ. މި ގޮތުން މާލޭގެ އިތުރުން މުޅި ރާއްޖޭގައި 16،000 އަށް ވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯ ހައުސްގެ މަޝްރޫއުތައް ކުރިޔަށް ދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ މެދުތެރޭ މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދެވޭނެ ކަމަށެވެ. އަދި މި ވާހަކަތަކަކީ އިންތިހާބާ ދިމާކޮށް އޮޅުވާލައްވަން ދައްކަވާ ވާހަކަތަކެއް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިއީ ވޯޓާ ގުޅުން ހުރިކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން އަޅަން ފެށި ފްލެޓުތައް މި ދައުރުގެ ތެރޭގައި ނިންމައި މާލެ ރައްޔިތުންނަށް ދިރިއުޅެވޭ ވަރު ކޮށްދެއްވާނެ ކަމަށެވެ.