އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު މާލޭގައި ބައްވާ ބޮޑު ބައްދަލުވުމެއް މިރެއަށް ތާވަލް ކޮށްފިއެވެ.
މާލޭ ސިޓީގެ މެންބަރުންނާއި ކެމްޕޭން ޓީމްތަކާ އެކު ބާއްވާ މިބައްދަލުވުން އޮންނާނީ މިރޭ 8:30 ދަރުބާރުގެ ފާށަނާ މާލަމުގައެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދެވެ. ދެ ކެންޑިޑޭޓުންވެސް ފޯރި ގަދަ ކެމްޕެއިން ހަރަކާތްތައް ބާއްވަމުން ގެންދަވާ އިރު ދެ ކެންޑިޑޭޓުން ނިސްބަތްވާ ފެކްޝަންތަކުން އެއްބަޔަކު އަނެއް ބަޔަކަށް ދޭ ބަހުގެ ހަމަލާތައް ވެސް ގިނައެވެ.
"ކުރިއަށް" ނަމުގައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި ރ. އަތޮޅުގެ މާކުރަތު، އިންނަމާދޫ އަދި މީދޫގެ އިތުރުން ނ. އަތޮޅާއި ށ. އަތޮޅާއި ބ. އަތޮޅަށް ވަޑައިގެންފައި ވާއިރު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ބޮޑު ތިލަދުންމައްޗަށް މިދިޔަ ޑިސެންބަރު މަހު ވަޑައިގެންފައެވެ. އެއަށްފަހު ފުވައްމުލަކު ސިޓީއަށާއި އއ އަދި އދ ގެ ބައެއް ރަށްރަށުގެ އިތުރުން ނ ރ. އަދި ބ އަށް ކުރައްވާ ދަތުރުފުޅެއްގައި ނަޝީދު މިހާރު ވަނީ ފުރާވަޑައިގެންފައެވެ. މީގެ އިތުރުން މި މަހުގެ 13 އިން 15 ގައި މ، ވ، ތ އަދި ފ އަށް ނަޝީދު ވަޑައިގަންނަވާނެއެވެ. އަދި 17 ވަނަ ދުވަހު ޅ އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާ އިރު 19 އިން 21 އަށް ވަޑައިގަންނަވާނީ ގއ އަދި ގދ އަށެވެ.
މީގެ އިތުރުން މި މަހުގެ 23 އަދި 24 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނާވެ ކަމަށް ނަޝީދު ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ.
ރައީސް ސޯލިހުގެ މާލޭގެ ބައްދަލުވުންތަކަށް ފަހު ދެން އެންމެ އަވަހަށް ވަޑައިގަންނަވާނީ އައްޑުއަތޮޅަށެވެ. އެ ދަތުރުފުޅު މިމަހުގެ 13 ގައި ފައްޓަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރިމަރީގައި ވާދަ ކުރެއްވުމަށް 500 މީހުންގެ ސޮޔާއެކު ނަޝީދު ފޯމް ހުށަހެޅުއްވި އިރު ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހު ވަނީ 20،000 ފޯމް ހުށަހަޅުއްވާފައެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް 459 މީހުންގެ ނަން އުނިކޮށް، ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ދާއިމީ ލިސްޓު ގައި 57،255 މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.