އެމެރިކާގެ ނިއުޔޯކުން ދިއްލީއަށް ދަތުރު ކުރި އެއާ އިންޑިއާގެ ފްލައިޓެއްގައި އިން އަންހެން ފަސެންޖަރެއްގެ ގަޔަށް އެ ފްލައިޓުން ދަތުރުކުރި ފިރިހެނަކު ފަހަރުވަ ލައިފިއެވެ.
މިހާދިސާ ހިނގައިގެން ރިޕޯޓު ކުރުމުން، އެ ފިރިހެން މީހާ ހައްޔަރު ކުރީ ބެންގަލޫރުގައި ހުންނަ ގެއަށް އޭނާ ދިޔަ ފަހުން ކަމަށާއި މިހާރު އޭނާ ވަނީ ހައްޔަރުކޮށްގެން ދިއްލީއަށް ގެންގޮސް 14 ދުވަހަށް ބަންދުކޮށްފައި ކަމަށް ބުނެއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި މިހާދިސާ މިހާރު ފެންމަތިވެފައި ވަނީ، އޭނާ ހައްޔަރު ނުކޮށް ގިނަ ދުވަސް ވެގެން ދިޔުމާއި އޭނާ އަކަން ކުރި ވާހަކަ ސޯޝަލްމީޑިއާގެ އިތުރުން އިންޑިއާގެ ބައެއް ނޫސް ތަކުގައި ރިޕޯޓުކޮށް އެވާހަކަ ދައްކަން ފެށުމުންނެވެ.
ކަމާބެހޭ ފަރާތްތަކުން އެ ފިރިހެން މީހާ އާ ހަވާލާދީ ބުނެފައި ވަނީ، އޭނާ އިނީ ބޮއެގެން މަސްވުވެފައި ކަމަށާއި އަންހެން މީހާގެ ގަޔަށް ފަހަރުވަ ލެވުނުކަން ނޭނގޭ ކަމަށް އޭނާ ބުނެފައި ވާ ކަމަށެވެ. އޭނާގެ ވާހަކަ މީޑިއާތަކުގައި އާންމުވުމާއެކު ކުރިމަތިވަމުން ދިޔަ ފާޑުކިޔުންތަކާ ގުޅިގެން، އެއާ އިންޑިއާގެ އެ ފްލައިޓުގެ ޕައިލެޓަކާއި ފްލައިޓް އެޓެންޑެންޓުންގެ 4 މީހަކު މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ. އަދި އިންޑިއާގެ އޭވިއޭޝަނާ ބެހޭ އިދާރާއަށް އެމައްސަލަ ހުށަހަޅާ ބަލަން ފަށާފައި ވާކަމަށްވެސް ބުނެއެވެ. މީގެ އިތުރުން އެފަދަ ހާދިސާއެއް ނުހިގާނެ ގޮތަކަށް އެއާލައިނުން އިންތިޒާމްތައް ހަމަޖައްސަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އެއާ އިންޑިއާއިން ވެސް ބުނެފައި ވެއެވެ.
މި މައްސަލަ އެ ފިރިހެން މީހާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 3 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ އެއް މަންޒިލުން އަނެއް މަންޒިލަށް ދަތުރުކުރާ ބައެއް ފްލައިޓްތަކުގައި ރަލާއި ބިޔަރު ލިބެން ހުރެއެވެ.