ނ. ކެނދިކުޅުދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ދިގުލައިގެން ދިއުމުން އެ ރަށުގެ އާންމުންގެ މެދުގައި ހިތްނުތަނަވަސްކަން އުފެދުނު ކަމަށާއި، ނަމަވެސް އެ މަސައްކަތް ނިންމާލެވި، ވީހާ ވެސް އަވަހަކަށް އެ ހިދުމަތް އެ ރަށުގައި ދެވެން ފަށާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް ވަނީ ކެމްޕެއިން ކުރެއްވުމަށްޓަކައި އުތުރުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަން ފަށްޓަވައިފައެވެ. މި ދަތުރުފުޅުގައި މިއަދު ނ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރައްވަން ފަށްޓަވައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އެ އަތޮޅު ކެނދިކުޅުދޫއަށެވެ. އެ ރަށުން ރައީސަށް ހޫނު މަރުހަބާ އެއް ކިޔައިފައިވެއެވެ.
ކެނދިކުޅުދޫ އަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ނުކުރެވި ހުރި ބައިވަރު މަސައްކަތްތަކާއި ދެވިފައި ނުވާ ބައިވަރު ހިދުމަތްތައް އެމަނިކުފާނު ވެރިކަމާ ހަވާލުވިތާ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދެވިއްޖެ ކަމަށެވެ.
އިއްޔެގެ ބައެއް ވާހަކަފުޅު ތަކުރާރު ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގައި ދިރިއުޅޭ އެއްވެސް މީހަކާ ތަފާތުކުރެވިގެން ނުވާނެއެވެ. ރަށްރަށުގައި ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފަސޭހައިން އާންމުންނަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ފަށައި ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
ނަމަވެސް، ކެނދިކުޅުދޫގެ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް އެއްބަސްވެލައްވައެވެ. 2018 ގައި ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ހަވާލުކުރި އެއް މަޝްރޫއަކީ ކެނދިކުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ކަމަށްވީ ނަމަވެސް، އެ މަޝްރޫއު ދިގުލައިގެން ހިނގައްޖެ ކަމަށް ރައީސް އެއްބަސްވެވަޑައިގަތެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަސައްކަތް ހަވާލުކުރީ އެންމެ ރަނގަޅު އެއް ކުންފުންޏާއެވެ.
ގާތްގަނޑަކަށް 50 މިލިއަން ރުފިޔާގެ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކުންފުންޏާއެވެ. ކެނދިކުޅުދޫގެ ކައުންސިލުން ބުނާ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު މަސައްކަތް ލަސްވަމުން ދާތީ އެ ކުންފުންޏާ އެ ވާހަކަ ދެކެވުނެވެ.
އެ މަސައްކަތް ނިމި، ވީހާ ވެސް އަވަހަކަށް ހިދުމަތް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ، ކެނދިކުޅުދޫގެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއަށާއި، ޖޫނިއާ ކޮލެޖްގެ މަސައްކަތްތަކަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައްވައިފައެވެ.
"އެހެންވީމާ މުސްތަގްބަލެއް އޮތް، އާބާދީ ބޮޑުކުރެވޭނެ ރަށެއް ކަމަށް ބަލައިގެން މި ރަށުގެ ތަރައްގީއަށް ޓަކައި މި ސަރަހައްދަށް އެ ތަރައްގީ ގެނައުމަށްޓަކައި މި ރަށަށް ހާއްސްކޮށްގެން މަސައްކަތްތައް އަޅުގަނޑުމެން ފަށައިގެން ކުރިއަށް މި ގެންދަނީ." ރައީސް ވިދާޅުވިއެވެ.
ނ. ކެނދިކުޅުދޫ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ އެ އަތޮޅުގެ މަނަދޫ އަށެވެ. އެއަށްފަހު ނ. އަތޮޅުގެ ފަހު ރަށެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ވެލިދުއަށެވެ.
މިރާއްޖެ ނެތޭ އެއްވެސް ހާލެއްގައި އަނިޔާވެރިކަމެއްގައި އެއްވެސް ވެރިކަމެއްގައި މިވެރިކަމުގައި ނޫނިއްޔާ ހަރާމް ހުކުމެއް ކޮށްގެން ކުރީގައި ރާއްޖޭގައި ބްރިޖް އެޅި ހަމައެކަނި ރައީސް ޖަލަށް ގަޅާލުން އެއީ އަނިޔާވެރިކަން ނޫން ދެން ކޮން ކަމެއްތޭ ދެން ރައީސް އިބޫ ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭނެ ސަބަބު ތަކެއް ރައީސް އިބޫ ބުނެދޭންވީ އެހެންވެރިން ނުކުރާ ރައްޔިތުންނަށް ފަސޭހަ ކަމެއް ނެތޭ ކޮށްދީފައި އެކަމަކު ޓެކްސް ބޮޑު ކޮށްފިއޭ އިންތިހާ އަށް މީ އަނިޔާވެރި އަނިޔާއޭ..