ރިޔާސީ އިންތިހާބުގެ ޕަރައިމަރީއަށް އެމްޑީޕީން ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރ. އަތޮޅަށް ވަޑައިގެންފައިވާ އިރު، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އއ އަތޮޅަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފިއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޕަރައިމަރީއަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ވެސް އަންނަނީ ވަރަށް ފޯރި އާ އެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން ރައީސް ސޯލިހްގެ ކެމްޕެއިން ދަތުރުފުޅެއް މިއަދު ވަނީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ފަށްޓަވާފައެވެ. ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ.އަތޮޅު މާކުރަތަށެވެ. މާކުރަތަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
"ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕެއިން ފަށްޓަވާފައި ވާއިރު، ރ އޮތޮޅުގެ ރަށްރަށުގެ އިތުރުން ނ. އަތޮޅުގެ ރަށްރަށަށް ކެމްޕެއިން ދަތުރުފުޅުގައި ރައީސް ސޯލިހް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ އއ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފަށްޓަވާފައެވެ. ފިކުރެއްގެ ދިރުން" ނަމުގައި ކެމްޕެއިން ހަރަކާތްތައް ފައްޓަވައި، ރައީސް ނަޝީދު އއ އަތޮޅުގެ އިތުރުން އދ، ދ. އަދި ފ އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް ވަޑައިގެން ރައީސް ނަޝީދަށް ވަނީ އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ޕްރައިމަރީން ކާޟިޔާބު ހޯއްދަވާނެ ކަމުގެ ޔަގީންކަން އެބް އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ މަޝްރޫތަކާއި ރައީސް ސޯލިހްގެ ބައެއް ނިންމެވުންތަކަށް ނަޝީދުގެ ކެމްޕެއިންގައި އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކެމްޕެއިން ޖަލްސާ ތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބިޑުތަނުން ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި އަދި ޕްރައިމަރީ، ޕާޓީ ތެރެއިން ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.