މާލެ ސަރަހައްދުގައި 8782 ފްލެޓެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެ ސަރަހައްދުގައި މިވަގުތު ވެސް 8،782 ފްލެޓުގެ އަމަލީ މަސައްކަތް ދަނީ ހިނގަމުން ކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ނިމޭ އިރު ހަދާ ފްލެޓުތަކުގެ ތެރެއިން ބައެއްގައި ދިރިއުޅެވޭ ވަރު ކޮށްދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް 5000 ގޯތި ދިނުމަށްޓަކައި ވެވަޑައިގަން ވައުދުފުޅު ވެސް ފުއްދަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ 16،401 ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިސްކޮށް ހުންނަވައިގެން މިހާރު ވެސް ކުރިއަށް ގެންދަވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ފަސް އަހަރުގެ ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.