ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރ. އަތޮޅު ކައުންސިލާއި އަލިފުށީ ކައުންސިލާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި އަލިފުށީ ސްކޫލްގައި އިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލް ހުޅުއްވައި ދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް އަލިފުއްޓަށް ކުރައްވާ ދަތުރުފުޅަށް ފަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އެމަނިކުފާނުގެ ކެމްޕެއިނަށް ރ. އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.