އިންޑިއާގެ ދިއްލީގައި ދުއްވާފައި ދިޔަ ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދަށުވެ ތާށިވި އަންހެން މީހާއަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަަމަށް އޭނާގެ އާއިލާއިން ތުހުމަތު ކޮށްފިއެވެ. އުމުރުން 20 އަހަރުގެ އަންޖަލީ ސިންގް ކާރެއްގެ ދަށުވެ ތާށިވެ އޮއްވާ 2 ގަޑިއިރެއް ހާއިރު، 12 ކިލޯމީޓަރަށް ދުއްވި އިރު އޭނާ މަރުވި މައްސަލައިގައި ދިއްލީގައި ބޮޑު މުޒާހަރާއެއް ފަށާފައި ވާ މިދަ ދަނޑިވަޅުގައި އޭނާގެ އާއިލާއިން ބުނީ، ދަރިފުޅުގެ އުނުގައި އަންނައުނެއްވެސް ނެތް ކަމަށާއި އޭނާއަށް ޖިންސީ ގޯނާވެސް ކޮށްފައި ވާ ކަމަށެވެ. އައި އެއީ އާއިލާގައި ހުރި ހަމައެކަނި އާމްދަނީ އެއް ލިބޭ މީހާ ކަމަށާއި އޭނާއަށް ޖިންސީ ގޯނާ ނުކުރާނަމަ އުނުގައި އަންނައުނެއް ނެތީ ކީއްވެތޯއެވެ.

މި މައްސަލަ މިހާރު ހޫނުވެ، އާއިލާއާއި އަވައްޓެރިންގެ އިތުރުން ދިއްލީގެ މެޖޯރިޓީ އޮންނަ އާމް އާދަމީ ޕާޓީން ވަނީ ބޮޑު މުޒާހަރާއެއް ފަށާފައެވެ.

އެޕާޓީން ބުނީ، ސަލާމަތީ ބާރުތަކަށް ދިއްލީގެ ސަމާލަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ކަމަށާއި އިސްވެރިން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އެ ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު ލެފްޓިނަންޓް ގަވަރުނަރު ވީކޭ ސަކްސޭނާ އޮފީސް ކުރިމަތީގައި އޭނާގެ އިސްތިއުފާ އަށް ގޮވާ ބޮޑު މުޒާހަރާއެއް ދަނީ ކުރަމުންނެވެ. އަދި ތަހުގީގު އަވަސް ކުރުމަށާއި، އެ ޖަރީމާ ހިންގި މީހުންނަށް އަވަސް ނިޔާއިން އަދަބު ދިނުމަށްވެސް ދަނީ ގޮވާލަމުންނެވެ.

މި މައްސަލަ ފުލުހުން ބާރު ސްޕިޑުގައި ބަލަމުން ދާ އިރު ބުނެފައި ވަނީ، ކާރުގައި ތިބި 5 މީހުން ހައްޔަރު ކޮށްފި ކަމަށާއި ނަމަވެސް އަދި އެމީހުން ބަޔާން ނުދޭ ކަމަށެވެ. ނަމަވެސް އެމީހުން އެކްސިޑެންތް ވި، 20 އަހަރުގެ އަންޖަލީ ސިންގް ދުއްވަން އިން ސްކޫޓީައި އޭނާ އާއެކު އިން އަންހެން މީހާ ބަޔާން ދީ އެއްބާރުލުން ދެމުން ދާ ކަމަށެވެ. މީގެ އިތުރުން އަންޖަލީގެ ހަށިގަނޑުގެ ޕޯސްޓްމޮޓަމް ހަދަމުން ދާ ކަމަށާއި ނަތީޖާ ލިބުމުން ދައުވާތައް ބަދަލުވެދާނެ ކަމަށެވެ. މިހާރު ހައްޔަރު ކޮށްފައި ތިބި 5 މީހުންނަށް އިހުމާލުން މީހަކު މަރުވުމާއި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލޭނެ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ހައްޔަރު ކުރި 5 މީހުން، ހާދިސާ ހިނގި ތަނަށް ގެންދާނެ ކަމަށާއި އެމީހުން ލައްވާ ކަން ހިނގި ގޮތް ޑަމީއެއް ބޭނުން ކޮށްގެން ކުޅުވާ އެމީހުން ދައްކާ ވާހަކަވެސް އަޑުއަހާނެ ކަމަށެވެ. އަދި އަންޖަލީއަށް ޖިންސީ ގޯނާ ކޮށްފައި ވާކަމަށް އާއިލާއިން ކުރާ ތުހުމަތަށް ފުލުހުން ބުނީ، އެކަން ސާފުވާނީ ޕޯސްޓްމޯޓަމުން ކަމަށާއި ހަބަރުފަތުރާ އެކިއެކި މީޑިއާތަކުގައި އެގޮތަށް އެވާހަކަ ދެއްކި ނަމަވެސް އެކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

އިންޑިއާގެ ދިއްލީގެ ކާންޖަވާލާ ޑިސްޓްރިކްޓުގައި ދެ އަހަންހެނަކު މަސައްކަތް ނިންމުމަށް ފަހު ދަނިކޮށް އައި ކާރަކުން ޖެހެނީ އެ ދެމީހުން ދުއްވަމުން ދިޔަ ސްކޫޓީގައެވެ. އެއާއެކު ދެމީހުންވެސް ވެއްޓި އަނިޔާ ވި އިރު އަންޖަލީ ކާރުގެ ދަށުވިއެވެ. ނަމަވެސް ކާރު މަޑުނުކޮށް ދުއްވާފައި ދިޔަ ކަމަށާއި އޭގައި ތިބި މީހުންނަށް ކާރު ދަށުގައި މީހަކު އޮވެ ހަޅޭލަވާ އަޑު ނީވުނީ ކާރުގެ ތެރޭގައި ބާރަށް ލަވަޖަހާފައި ހުރުމުން ކަމަށް އެމީހުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

އަންހެން މީހާ ކާރުގެ ދަށުގައި ތާށިވެފައި އޮތް ގޮތަށް އޮވެ ކާރު ދުއްވަމުން ދުއްވަމުން އެކި ސްޕީޑްގައި 2 ގަޑިއެއްހަ އިރު 12 ކިލޯމީޓަރަށް ދުއްވާފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އާންމުވެފައި ވާ ބައެއް ސީސީޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުގައި ކާރު ޔޫޓާނެއް ނަގާ އިރު އަންހެން މީހާ ކާރުގެ ދަށުގައި ތާށިވެފައި އޮންނަތަން ފެނެއެވެ.

އެންޑީޓީވީން ބުނެފައި ވަނީ އަންހެން މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ބަރަހަނާ ހާލުގައި ކަމަށާއި މަގުމަތީގައި ދުއްވުމުގެ ސަބަބުން ގިނަ ޒަހަމްތައް ހުރި އިރު އޭނާ މަރުވެފައި ވާކަމަށްވެސް ބުނެއެވެ.

މިހާދިސާގައި ކާރު ދުއްވަން ތިބި މީހުންނަށް އެ ކާރުގެ ދަށުގައި އަންހެން މީހާ ތާށިވެފައި އޮތްކަން އެނގުމުން ހަަށިގަނޑު ދޫކޮށްލާ ކާރާއެކު ފިލީ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.