އާބާދީގެ ގޮތުން ދާދި އެއްވަރު ދެގައުމުގެ ގޮތުގައި އޮތަސް އަސްކަރީ ބާރާއި އިގްތިސޯދީ ގޮތުން ތަފާތު ބޮޑު ދެގައުމު ހިއްސާ ކުރާ އިމުގެ މައްސަލައިގައި ޗައިނާ ބޭނުންހާ އެއްޗެއް ހަދަން ދޫ ނުކުރައްވާނެ ކަމަށާއި ޗައިނާ އާ އެކު އޮންނަ ގުޅުން "ނޯމަލް" ނޫން ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

މެޑްޓެރޭނިއަންގެ ގައުމެއް ކަމަށް ވާ ސައިޕްރަސް އަށް މިހާރު ކުރައްވާ ދަތުރުގައި އެގައުމުގައި ތިބި އިންޑިއާ މީހުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އާއި ޗައިނާ ހިއްސާ ކުރާ އިން، ލައިން އޮފް ކޮންޓްރޯލްގެ ބާރު ޗައިނާއިން އެކަނި ބަލަހައްޓަން ދޫނުކުރައްވާނެ ކަމަށާއި އަދި އެނޫންވެސް އެފަދަ ހައްސާސް މައްސަލަތަކުގައި އިންޑިއާއިން ދޫނުކުރާނެ ކަމަށެވެ.

ޖައިޝަންކަރު މި މޭރުމުން ވާހަކަ ދައްކަވާފައި ވާ އިރު ދާދިފަހުން އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިން ވަނީ އަނާޗަލް ޕްރަދޭޝް ސަރަހައްދުގައި ކުރިމަތިލައި ގަލާއި ދަނޑިން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީފައެވެ. މިހާދިސާގައި ދެފަރާތުން ސިފައިން ޒަހަމްވި ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިއީ 2020 ވަނަ އަހަރު ގޯލްވާން ވެލީގައި ދެގައުމުގެ ދެމެދުގައި ހިނގި ކުރިމަތިލުމަށް ފަހު މިބާވަތުގެ ކުރިމަތުލުމެއް ހިނގި ފުރަތަމަ ފަހަރެވެ. މިހާދިސާއާ ގުޅިގެން އިންޑިއާއިން ބުނެފައި ވަނީ ޗައިނާ ސިފައިން އިންޑިއާގެ އިމަށް ވަނީ ކަމަށެވެ. އިމުގެ މި މައްސަލައަކީ ހައްލެއް ލިބެން ނެތް ބޮޑު މައްސަލައެއްގެ ގޮތުގައި ފެންނަ އިރު، ފެފަރާތުން ވެސް ބޭނުންވާ އަދި ދައުވާ ކުރާ ކަޝްމީރު ސަރަހައްދުގައި އިން ވަކިކުރާ މަގު ގޮސްފައި ވާ ބައެއް ސަރަހައްދުތަކުގައި އެއްފަރާތުން އަނެއް ފަރާތަށް ގުޅިފައި އޮންނަ މޮޑެތި ކޯރުތައްވެސް އެބަހުއްޓެވެ. ދެ ގައުމު ވަކި ކުރާ އިން ދަނީ ކޯރުގެ މެދުންނެވެ.

ޖައިޝަންކަރުގެ ވާހަކައިގައި އޭނާ ވަނީ ޕާކިސްތާނަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން، އިންޑިއާއަށް ޓެރަރިޒަމްގެ ބިރު ކުރިމަތިކޮށްގެން މަޝްވަރާގެ މޭޒު ދޮށަށް ގެންދިޔުމަށް މަޖުބޫރު ނުކުރެވޭ ކަމަށާއި ސަރަހައްދީ ގައުމުތަކުގެ ތެރެއިން އިންޑިއާއަށް ވުރެ ބޮޑަށް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތި ވި ގައުމެއް ނެތް ކަމަށެވެ. އަދި ސަރަހައްދީ ހުރިހާ ގައުމުތަކާއެކުވެސް ގާތް އެކުވެރި ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި ނަމަވެސް އޭގެ މާނައަކީ، އަމާޒުވަމުން އަންނަ ޓެރަރިޒަމްގެ ނުރައްކާތަކާއި ހަމަލާތަކަށް އަޅަނުލާ ތިބުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.