މާލެއިން ކުނި ނަގަމުން ދިޔަ ވެމްކޯ އަތުން ކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަތުލައި އަމިއްލަ އަށް ކުނި ނަގަން ކުރަމުން ދިޔަ މަސައްކަތުގައި ގޮންޖެހުންތައް ދިމާވެ މާލެ ކުނިން ފުރުމާ ގުޅިގެން ވެމްކޯއިން ކުނި ނަގަން ފަށައިފިއެވެ.

ވެމްކޯއިން އެ މަސައްކަތް ފެށީ މާލޭގެ އެކިއެކި ކަންކަން މައްޗަށް ކުނި ޖަމާވެ، ކުނީގެ ސަބަބުން އާންމު އުނދަގުލަކަށް ވާން ދޫކޮށްނުލާން އެންވާރަމަންޓް މިނިސްޓަރުގެ ހާއްސަ އެންގެވުމަކަށެވެ. އެކަން ހާމަ ކޮށް އެމިނިސްޓްރީން ބުނީ، ވެމްކޯއިން މާލެ ސާފު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވާ ކަމަށާއި މުޅި މާލެއިން ކުނި ނަގާ، އަދި ކުނި ނެގެމުން ދާ ވަރު އާންމުކޮށް ހާމަ ކުރަމުންވެސް ގެންދާނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ބައެއްގެ އީގޯ އަށް ބެލުމަށް ވުރެ މާލެ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމު ކަމަށް މިނިސްޓަރު އައިމިނަތު ޝިއުނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

ވޭމްކޯ އަތުން ކުނި ނެގުމުގެ މަސައްކަތް އަތުލައި ސިޓީ ކައުންސިލުން ކުންޏާ ހަވާލު ވެ މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނަގަން 148 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ. ކުނި ނެގުމުގެ މަސައްކަތް އިއްޔެ ރޭ ސިޓީ ކައުންސިލުން ފެށީ ފުލް ޓީމާ އެކު ނޫން ކަމަށާއި އެރޭ މަސައްކަތް ކޮށްފައިވަނީ މާލޭގައި 80 މުވައްޒަފުން އަދި ވިލިމާލެ އަށް 28 މުވައްޒަފުން ކަމަށެވެ.

މުވައްޒަފުން އެއްކޮށް ހަމަވާން އަދި 10 ވަރަކަށް ދުވަސް ނަގާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ނިންމާފައި ވަނީ މާލެ އަށް އެކަނި ވެސް 120 މުވައްޒަފުން ހާއްސަ ކުރަން ކަމަށެވެ. އަދި 10 ލޮރީ ބޭނުން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މަސައްކަތް ކުރަން ހަމަ ޖެހިފައި ވަނީ މާލޭން 16 ޒޯނަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ޒޯނެއްވެސް ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން ރޭގައި މަސައްކަތް ވަނީ ފަށާފައެވެ.

ނަމަވެސް ގޭވިސީތަކުގައި އުފެދެ ކުންޏަކީ ކޮންމެ ދުވަހަކުވެސް އުކަން ޖެހޭ އެއްޗަކަށް ވާއިރު، އެންމެ ދުވަހެއްވެސް މެދުކެނޑިެއްޖެ ނަމަ ކުނިވާ ޒާތުގެ ކުނިން މާލޭގެ އެކިއެކި ކަންމަތި ފުރެއެވެ.

އާންމު ރައްޔިތުން ކުނި އުކަން ކޮންމެ މަހަކު ބޮޑު ހޭދައެއް ކުރާ އިރު ކުނި ނޫކި، އެ ކުނީގެ ސަބަބުން އުފެދޭ ނުރައްކާތެރި ބަލިމަޑުކަމަށް އާންމު ރައްޔިތުން ހުށަހެޅެން ޖެހުމަކީ ކަމާބެހޭ ފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ނަމަވެސް، އެފަދަ ކަމަކާ ގުޅިގެން ބަދަލެއް ދިނުމެއްވެސް މިހާތަނަށް ހިނގާފައި ނުވެއެވެ.

މާލެ ކުނި ވާ މައްސަލައިގައި އާންމުންނަށް އުނދަގޫވަމުން ދާތީ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ވަނީ މާލެތެރެ ސާފުކުރުމަށް ސިޓީ ކައުންސިލަށް އިލްތިމާސް ކޮށްފިއެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނެގުމާއި މަގުތައް ސާފުކުރަން ކައުންސިލާއި ވެމްކޯ އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ އާދީއްތަ ދުވަހަށެވެ. އެއާއެކު ވެމްކޯ އިން ވަނީ މާލޭގެ މަގުތަކުން ކުނި ނެގުން ހުއްޓާލާފައެވެ. ނަމަވެސް ގޭގެއިން އުކާލާ ކުނި އުކާލުމަކީ ވެމްކޯގެ ޒިންމާ އެއް ކަމަށް ކައުންސިލުން ބުނި ނަމަވެސް ވޭމްކޯއިން ބުނަނީ އެމީހުން ދެން ކުނި ނަގާނީ ކުރިންވެސް އޮތް ގޮތަށް ކުނިއުކުމުގެ މަސައްކަތް ލިޔެކިޔުމުން އެ ކުންފުންޏާ ހަވާލު ކުރުމުން ކަމަށެވެ.