ރާއްޖެއާ ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މަންމާފުޅު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަ ވެއްޖެއެވެ.

މޯދީގެ މަންމާފުޅު ހީރާބާން މޯދީ އަވަހާރަ ވި އިރު ގަރުނެއް ހަމަ ނުވެ އޮތީ އެންމެ އަހަރެކެވެ. ހީރާބާން ގެ މަގުބަރާ ބާއްވާފައި ވަނީ އެކަމަނާގެ އުފަން ޝަހަރު، ހުޅނަގު ގުޖުރާތުގެ ގާންދީނަގަރުގައެވެ.

ސިއްހީ ހާލުކޮޅު ގޯސްވެގެން އޭނާ މިދިޔަ ބުދަ ދުހުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރު އެކަމަނާގެ އަރިހަމަށް މޯދީ ޒިޔާރަތް ކުރެއްވިއެވެ.

"އަހަރެންގެ މަންމައަކީ އެހެން ހުރިހާ މަންމަ އިން ފަދައިން ވަރަށް ސިންޕަލް އާދަޔާ ހިލާފު މީހެއް"
މޯދީ

މޯދީ ބޮޑުވަޒީރަކަށް ވެވަޑައިގެން ފަހުން މަންމާފުޅު ދިރިއުޅުއްވަމުން ގެންދެވީ މޯދީގެ ހަގަށް ހުންނަވާ ބޭބެފުޅާ އާ އެކުގައެވެ.

1923 ގައި އުފަންވެވަޑައިގެން ހީރާބާން ވަނީ އިންޑިއާއިން ދުށް އެންމެ ފަގީރު ދިރިއުޅުއްވުން ތަޖުރިބާ ކުރައްވާފައެވެ. ޒުވާން އުމުރުފުޅުގައި މޯދީގެ ބައްޕާފުޅާ ކައިވެނި ބައްލަވައިގަނެ އުފަންރަށާ ހައެއްކަ ކިލޯމީޓަރު ދުރުގައި އޮންނަ ވަދުނަގަރަށް ދިރިއުޅުން ބަދަލު ކުރެއްވި އިރު، ފުރަތަމަ ދިރިއުޅުއްވި ގެކޮޅުގައި ކުޑަ ދޮރެއް އަދި ފާހާނާއެއްވެސް ނުހުރެއެވެ. ބުރަ މަސައްަތުން ދިރިއުޅުން އާރާސްތު ކުރެއްވި މަންފާފުޅުގެ ހަނދާން އާކުރައްވާ މޯދީ ވިދާޅުވީ މަންފާފުޅަކީ ސާފުތާހިރުކަމަށް ލޯބި ކުރައްވާ މަސައްކަތުގައި ބުރަކޮށް އުޅުއްވި "މަންމައެއް" ކަމަށާއި އެ މަސައްކަތުގައި އުޅުއްވި އިރުވެސް އަމިއްލަފުޅު ހިތްހަމަޖެހުމަށް އެހެން އުޅުއްވާ އިރު ބަޖަން ވިދާޅުވެ ހައްދަވާ ކަމަށެވެ. ބަޖަން އަކީ ދީނީ ޝިއާރުތަކަށް ހިންދޫން ކިޔާ އުޅޭ އަންބާތަކެކެވެ.

ދުވަހަކުވެސް އާންމު ބައްދަލުވުމަކަށް ވަޑައިނުގަންނަވާ ހީރާބާން، ހަޔާތުގައި ވަޑައިގަތީ ދެ ރަސްމިއްޔާތަކަށް ކަމަށާއި އެ ދެ ރަސްމިއްޔާަތަކީ 2001 ގައި މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތާއި 2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒިރު ކަމުގެ ހުވާ މޯދީ ކުރެއްވި ރަސްމިއްޔާތު ކަމަށެވެ.

އަދި އޭގެ ފަހުން، ޑިކްލެއާ ނުކުރާ ނުހައްގު މުއްސަނދިކަން އިންޑިއާއިން ނައްތާލުމަށް މޯދީ ފެއްޓެވި ޕްރޮގްރާމުގައި 500 އާއި 1000 ރުޕީސް ބޭނުން ކުރުން އާންމުކޮށް މަނާ ކުރުމުން، އެބައެއްގެ އަތުގައި ހުރި އިންޑިއާ ފައިސާގެ އެ ނޫޓުތައް ބަދަލު ކުރަން ބޭންކަން ދިޔަ އިރު އާންމުންނާ އެކު މޯދީގެ މަންމާފުޅުވެސް ވަޑައިގެންފައި ވެއެވެ.