ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އުޅުއްވަނީ ބޮޑުވަޒީރުކަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަން ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރައްވާތައް ދެކެވަޑައިގަންވަން ބޭނުންފުޅުވާ ކަމަށް ރައީސް ސޯލިހު ކުރިން ވިދާޅުވެފައި އޮތުމުން، އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވަނީ ކީއްވެގެންތޯ އެހުމުން، ޖަވާބުގައި ރައީސް ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅުވެގެން އުޅުއްވަނީ ރައީސްކަން ނޫން ކަމަށާއި ބޮޑުވަޒީރުކަން ކަމަަށެވެ.

ރައީސް އެހެން ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމަކަށް ވުމާއެކު އެ ނިޒާމުގައި ބޮޑުވަޒީރަކު ނުހުންނާނެތީ ކަމަށް ގަބޫލު ކުރެއެވެ. ނަޝީދު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ނަމަ އެކަން ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނި ނިޒާމަކަށް ބަދަލު ކޮށްގެންނެވެ.

މިއަދު ރައީސް ވަނީ ނިޒާމީ ވޯޓާ ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ހިނގަމުން ދާ ދައުރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ކުރިން ކުރެވިފައި ހުރި މަޝްވަރާ ތަކުގައި ނިޒާމުގެ ވާހަކަ އޮތަސް، ރިޔާސީ ޓިކެޓާއެކު މިހާރު ގާއިމުވެފައި އޮތް ވެރިކަމަކީ، އޭރު އުފަން ކުރި ކޯލިޝަންގެ ވެރިކަމެއް ކަމަށާއި ކޯލިޝަން އުފަން ކޮށް، ވަކި މެނިފެސްޓޯއެއް ހަދާ ކޯލިޝަންގެ ހުރިހާ ބައިވެރިން އެއަށް އެއްބަސްވެ ނިންމާފައި ވާ ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއް ނަގާ، ނިޒާމު ބަދަލު ކުރާ ވާހަކަ ނެތް ކަމަށާއި، ނިޒާމު ބަދަލު ކުރާނަމަ، ކޯލިޝަންގެ ހުރިހާ ޕާޓުނަރުންނާ މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ކޯލިޝަން ޕާޓުނަރުން އެކަމަށް ރުހެން ޖެހޭނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން ދަނީ ރިޔާސީ ނިޒާމަކަށެވެ. އެ ނިޒާމުގައި ދައުލަތުގެ އެންމެ އިސް ވެރިއަކަށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ އެކެވެ. ދެން އެ ރަސީސުލްޖުމްހޫރިއްޔާގެ ސަރުކާރު ހިންގުމަށް އޮންނަ ކެބިނެޓެކެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު، ބަދަލު ކުރާ ވާހަކަ ދޭތެރެދޭތެރެއިން އާ ކުރާ އިރު ނިޒާމު ބަދަލު ކުރުމަށް އެންމެ ގިނައިން ވާހަކަ ދައްކަވާ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވަނީ، އެމްޑީޕީގެ މެނިފެސްޓޯ ގައި ނިޒާމު ގެ ވާހަކަ އޮތް ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ކަމުދާނީވެސް ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމު ގެނެސްގެންނެވެ.

ބަރުލަމާނީ ނިޒާމަކީ ބޮޑުވަޒީރަކު ވެރިކަން ކުރާ ގޮތަށް، އޭނާގެ ކެބިނެޓް އެވަގުތަކު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަނޑައަޅާ ބަޔަކު ލައިގެން ހިންގާ ނިޒާމެކެވެ.