މިހާރު ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއް ނަގާވާހަކަ ނެތް ކަމަށާއި، ސަރުކާރު ހިންގަވަމުން ގެންދަވަނީ އެ މެނިފެސްޓޯގައި އޮތް ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 6 މަހަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ނިޒާމީ ވޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ހިނގަމުން ދާ ދައުރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ކުރިން ކުރެވިފައި ހުރި މަޝްވަރާ ތަކުގައި ނިޒާމުގެ ވާހަކަ އޮތަސް، ރިޔާސީ ޓިކެޓާއެކު މިހާރު ގާއިމުވެފައި އޮތް ވެރިކަމަކީ، އޭރު އުފަން ކުރި ކޯލިޝަންގެ ވެރިކަމެއް ކަމަށާއި ކޯލިޝަން އުފަން ކޮށް، ވަކި މެނިފެސްޓޯއެއް ހަދާ ކޯލިޝަންގެ ހުރިހާ ބައިވެރިން އެއަށް އެއްބަސްވެ ނިންމާފައި ވާ ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއް ނަގާ، ނިޒާމު ބަދަލު ކުރާ ވާހަކަ ނެތް ކަމަށާއި، ނިޒާމު ބަދަލު ކުރާނަމަ، ކޯލިޝަންގެ ހުރިހާ ޕާޓުނަރުންނާ މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ކޯލިޝަން ޕާޓުނަރުން އެކަމަށް ރުހެން ޖެހޭނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން ދަނީ ރިޔާސީ ނިޒާމަކަށެވެ. އެ ނިޒާމުގައި ދައުލަތުގެ އެންމެ އިސް ވެރިއަކަށް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ އެކެވެ. ދެން އެ ރަސީސުލްޖުމްހޫރިއްޔާގެ ސަރުކާރު ހިންގުމަށް އޮންނަ ކެބިނެޓެކެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު، ބަދަލު ކުރާ ވާހަކަ ދޭތެރެދޭތެރެއިން އާ ކުރާ އިރު ނިޒާމު ބަދަލު ކުރުމަށް އެންމެ ގިނައިން ވާހަކަ ދައްކަވާ ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވަނީ، އެމްޑީޕީގެ މެނިފެސްޓޯ ގައި ނިޒާމު ގެ ވާހަކަ އޮތް ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ކަމުދާނީވެސް ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމު ގެނެސްގެންނެވެ.

ބަރުލަމާނީ ނިޒާމަކީ ބޮޑުވަޒީރަކު ވެރިކަން ކުރާ ގޮތަށް، އޭނާގެ ކެބިނެޓް އެވަގުތަކު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަނޑައަޅާ ބަޔަކު ލައިގެން ހިންގާ ނިޒާމެކެވެ.