ރަޝިއާގެ ވްލަޑިމީރް ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ސޮސެޖް ބިލިއަނަރު ޕަވެލް އެންޓޯވް، 65އ އާއި އޭނާގެ އެކުވެރިއަކު އިންޑިއާގެ ހޮޓަލެއްގައި މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.
މީގެ ހަފްތާއެއްގެ ކުރިން ރަޝިއާގެ 4 މީހަކާއެކު އެންޓޯވް އިންޑިއާގެ އޮޑިޝާ އަށް ޗުއްޓީއަށް ދިޔައީ ހޮޓަލަށް ދިޔުމުގެ ކުރިން އިންޑިއާގެ ގިނަ ތަންތަން ބަލާފައި ކަމަށާއި އޭނާގެ ކުއްލި މަރާ ގުޅިގެން ހާއްސަ ކްރިމިނަލް އިންކްއަރީއެއް (ޖިނާއީ ތަހުގީގެއް) ފަށާފައި ވާ ކަމަށް އިންޑިއާ އޮފިޝަލުން ބުނެއެވެ.
ސޮސެޖް އުފެއްދުމުގައި މަޝްހޫރު ބިލިއަނަރު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހު ހޮޓާ ދޮރުމަރިން ކަހަލަ ގޮތަކަށް ލެޔާއެކު އެޮއްވައެވެ.
އޮޑިޝާ ސަރަހައްދުގެ ޕޮލިސް ޗީފް ރާޖޭޝް ޕަންޑިތާ ހަވާލާދީ އޭއެފްޕީން ރިޕޮޓު ކޮށްފައި ވާ ގޮތުގައި، އޭނާ މަރުވި ކަމަށް ބެލެވެނީ، ރަހުމަތްތެރިޔާގެ މަރުގެ ހިތާމާގައި ރާބޮއެ އަދި މަސްތުވާތަކެތި ބޭނުން ކޮށް ހޮޓަލުގެ ޓެރަސްގައި އުޅުމުގެ ތެރޭގައި ވެއްޓިގެންނެވެ. އަދި އޭނާގެ ރަހުމަތްތެރިޔާ އޭގެ ދެދުވަސް ކުރިން މަރުވީ، ޑްރަގް އޯވާޑޯސް ވެ ރާބޮއެ ހޭނި ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭކަމުގައިވެސް ބުނެފައި ވެއެވެ.
ނަމަވެސް މި ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށާއި ހޮޓަލްގެ ސީސީޓީވީ ކެމެރާތަކުންވެސް އަދި ސުވާލު ކުރެވުނު އެއްވެސް މީހެއްގެ ފަރާތުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން އެމީހުން އިންޑިއާއަށް ގެންދިޔުމުގައި މެދުވެރިވި ޓްރެވަލް އެޖޭންޓުންނާވެސް ސުވާލު ކުރާނެ ކަމަށާއި އެ މަރުތަކުގެ ހަގީގަތް ދެނަގަތުމަށް ޕޯސްޓްމޯޓަމްވެސް ހަދާނެ ކަމަށް ޕޮލިސް ޗީފާ ހަވާލާދީ ހަބަރުތައް ބުނެއެވެ.
އެންޓޯވް އަކީ އަކީ 2018 އިން ފެށިގެން ވްލްޑިމީރް ގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން، ރަޝިއާގެ މިހާރުގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީގެ މެންބަރެއްވެސް މެއެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމަ އަށް ފާޑުވިދާޅުވެފައެވެ. ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނަގުރާމަ އަކީ "ޓެރަރިޒަމް" ކަމުގައި ސިފަކޮށް އެންޓޯވް ކުރި މެސެޖެއް ކަމަށް ބުނެ ރަޝިއާ ޓީވީން މިދިޔަ ޖޫންމަހު ދެއްކި މެސެޖާ ގުޅިގެން އޭރު އެންޓޯވް ބުނެފައި ވަނީ އެއީ ދޮގު ކަމަށާއި ރަޝިއާއިން ޔޫކްރައިންގައި ހިންގާ "ހާއްސަ އަސްކަރީ އޮޕަރޭޝަން" އަށް އޭނާ ތާއީދު ކުރާ ކަމަށެވެ.
ސިޔާސީ މައިދާނަށް ވަނުމުގެ ކުރިން އަމިއްލަ ވިޔަފާރީގައި މުއްސަނދި މި މަހުޖަނަކީ، މުޅި ރަޝިއާގެ ޕާލިމަންޓުގެ މެންބަރުންގެ ތެރެއިން 2019 ވަނަ އަހަރު ފާހަގަ ކުރި ލިސްޓުގައި އެންމެ މުއްސަނދި މީހާއެވެ. އަދި އޭނާ އަކީ ރަޝިއާގެ ސީނިއާ ސިޓިޒެން ލިސްޓުގައިވެސް ހިމެނޭ މީހެކެވެ.