ފީވަކު ކައުންސިލުގެ އިދާރާއިން 2020 ވަނަ އަހަރު މާލީ ބަޔާންތައް އޮޑިޓް ކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، އެ ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރު ވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތަކާއި އެ އޮފީހަކުން ހިންގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން، އަހަރީ ރިޕޯޓެއް ތައްޔާރުކޮށް އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.

ފީވަކު ކައުންސިލް އިދާރާގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް އޮޑިޓާ ޖެނެރަލް އިން ހެދި ރިޕޯޓްގައި ބުނެފައި ވަނީ އެ ކައުންސިލްގެ އިދާރާއިން 2020 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އިދާރާގައި ހިނގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން، އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، ހުށަހަޅާފައި ނުވާ ކަމަށެވެ. ހަމައެއާއެކު އެ އަހަރު ތިޖޫރީގައި ހުރި ފައިސާ ބޭނުންކޮށްފައި ވާގޮތުގެ ރިޕޯޓެއް ހަދާފައި ވެސް ނުވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. ކޮންމެ ހަފްތާއެއްގެ ނިޔަލަށް ހަދަން ޖެހޭ އެ ރިޕޯޓް ހަދާފައި ނެތް ކަން ފާހަގަ ކޮށް އޮޑިޓް އޮފީހުން ބުނީ، މި އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެ ކައުންސިލްގެ ތިޖޫރީގައި ހުރި ފައިސާ ގުނި އިރު 1555 ރުފިޔާ ހުރި ކަމަށެވެ. ނަމަވެސް ތިޖޫރީން ބޭނުން ކުރި ފައިސާގެ ހިސާބު ބަލަހައްޓާފައި ނުވާ ކަމަށެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް އެ އިދާރާގެ އެކައުންޓުތަކުގެ ތެރެއިން ރިކޮންސިލިއޭޝަން ހަދާފައި ނުވާ އެކައުންޓުތަކުގައި ޖުމްލަ 1،242،070 ރުފިޔާ ހުރި ކަމަށް ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާ ކަމަށް ވެސް އެ ރިޕޯޓް ގައި ބުނެފައި ވެއެވެ. ދައުލަތުގެ މާލީ ގަވާއިދުގައި ބުނާ ގޮތުގައި ދައުލާތުގެ އިދާރާތަކުގެ ބޭންކް އެކައުންޓްތައް މަދުވެގެން މަހަކު އެއްފަހަރު ރީކޮންސިލިއޭޓް ކުރަންވާނެއެވެ. ނަމަވެސް އެ ކައުންސިލްގެ 4 ބޭންކް އެކައުންޓް އޮތް އިރު އޭގެތެރެއިން 3 އެކައުންޓްގެ ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހަދާފައި ނުވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. އެހެންކަމުން ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަން ޖެހޭ ފައިސާ ހަމައަށް ހުރިކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެއެވެ.

ހަރުމުުދާ ބެލުމުގައި ހަރުމުދާ ރަޖިސްޓްރީގައި ހިމެނޭ މުދާތަކުގެ ބަލަހައްޓަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އިންވެންޓްރީ ކޯޑު ނަންބަރު، މުދަލުގެ ފުރިހަމަ ނަމާއި، މުދަލުގެ ތަފްސީލް (ބްރޭންޑް، މޮޑެލް، ސީރިއަލް ނަންބަރު، މިނަ ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތު ކުރެވިފައިވާ ނަމަ އެކަމުގެ ތަފްސީލް) އާއި، މުދާ ހުރިތަން، މުދާ ލިބުނު ތާރީހް، މުދަލުގެ އަގު ފަދަ މައުލޫމާތުތައް ހިމަނަން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެއެވެ. ނަމަވެސް އެ ކައުންސިލްގެ އިދާރާއިން ހަރުމުދަލުގެ ދަފްތަރު ބެލެހެއްޓި ނަމަވެސް މުދަލުގެ ސީރިއަލް ނަންބަރާއި މޮޑެލް ނަންބަރާއި މުދާ ލިބުނު ތާރީހާއި، މުދާ ހުރިތަން އަދި މުދަލުގެ އަގު އެ ރަޖިސްޓްރީގައި ހިމްނާފައި ނުވާ ކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ވެސް ލިބޭ ހުރިހާ ފައިސާގެ ތަފްސީލް އާމްދަނީ ރިޕޯޓާއި، ދުވަހު ފޮތުގައި ހިމަނާފައި ނުވުމާއި ރަސީދު ތައްޔާރުކޮށްފައި ނުވުމާއި ދަތުރު ރިޕޯޓް ވެސް ތައްޔާރުކޮށްފައި ނުވުމަކީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތަކެވެ. އަދި ކައުންސިލުން ބާއްވަންޖެހޭ އާންމު ބައްދަލުވުންތައް ގަވައިދުން ބާއްވާފައި ނުވުމާއި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށްވެސް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ.