ރަޝިއާއިން ޔޫކަރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމަ އަހަރަކަށް ދެމިގެން ދާއިރު، ރަޝިއާ އާއި ޔޫކްރައިން އިން ވެސް ސުލްހައިގެ މަގަށް ވާހަކަތައް ބައްޓަން ކުރަން ފަށައިފިއެވެ.
މި މަގަށް ވާހަކަތައް ބައްޓަން ކުރަމުން ދާ އިރު ޔޫކްރައިން ގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއަށް ފޯނުން ގުޅުއްވާ ވަނީ، ރަޝިއާ އާއެކު ސުލްހަ ވެވޭނެ ފޯމިއުލާއެއް ހޯއްދެވުމަށް މޯދީގެ އަރިހުން އެދިވަޑައިގެންފައެވެ.
މިއަހަރަކީ ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ ޗެއާ އިންޑިއާއަށް ލިބިފައި ވާ އަހަރުކަމަށް ވުމާއެކު އެކަމުގެ މަރުހަބާ ވިދާޅުވެ ޒެލެންސްކީ ވިދާޅުވީ، ޔޫކްރައިން އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިންޑިއާ ދެމި އޮތުމަކީ ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އދ ގެ މަޖިލީހުގައި ޔޫކްރައިން އަށް ދޭ އެހީތެރިކަންވެސް އޭނާ ވަނި ފާހަގަ ކުރައްވާފައެވެ.
ސުލްހައިގެ މަގަށް ވާހަކަތައް އަމާޒު ކުރަން ފަށާފައި ވާ މި ދަނދިވަޅުގައި ރަޝިއާއިން ވެސް ވަނީ ޔޫކްރައިން މައްސަލައިގައި ވާހަކަ ދައްކަން ތައްޔާރު ކަމަށް ބުނެފައެވެ. ނަމަވެސް ޝަތުރު ކުރަނީ ރަޝިއާއިން ހިފި ޔޫކްރައިންގެ 4 ސަރަހައްދަކީ ރަޝިއާގެ ތަންތަނުގެ ގޮތުގައި ބަލައިގަތުމަށެވެ.
ޔޫކްރައިން އިން ބުނަމުން ދަނީ، އެ 4 ސަރަހައްދަކީ ރަޝިއާއިން ޣައިނުގާނޫނީ ގޮތުން އަތްދަށުލައި ފައިވާ ސަރަހައްދުތަކެއް ކަމަށާއި އެ ތަންތަން ދޫ ނުކުރާނެ ކަމަށާއި އެ ގޮތަށް އެއްބަސްވެ މަޝްވަރާއަށް ނުދާނެ ކަމަށެވެ.
ޔޫކްރައިން ބިމުގެ ގާތްގަނޑަކަށް 15 ޕަސެންޓް ވަރުގެ 4 ސަރަހައްދު ރަޝިއާއިން އަމިއްލަ ކޮށްފައި ވަނިކޮށް އޭގެ ތެރެއިން އެއް ސަރަހައްދު ކަމަށް ވާ ހާސަން، ޔޫކްރައިން އިން ވަނީ އަނބުރާ އަތުލާފައެވެ.
އިއްޔެ ޔޫކްރައިންގެ ފޮރިން މިނިސްތްރީން ނެރުނު ބަޔާނެއްގައި، އދ ގެ ސެކިއުރިޓީ ކައުންސިލާއި އަދި އދ ގެ މެންބަރު ކަމުން ރަޝިއާ ވަކިކުރަން އދ ގެ މެންބަރު ގައުމުތަކަށް ގޮވާލާފައިވެސް ވެއެވެ. އެ ބަޔާނުގައި ބުނީ، ރަޝިއާއިން އދ ގެ ސަލާމަތީ މަޖިލީހުގައި އިންނަނީ ކުރިން އޮތް ޔޫއެސްއެސްއާރުގެ ގޮނޑީގައި ކަމަށާއި 1991 ގައި ޔޫއެސްއެސްއާރު ނުވަތަ ސޯވިއެޓް ޔޫނިއަން ރޫޅި ދިޔުމުން އެއީ މިހާރު ގާނޫނީ ގޮނޑިއެއް ނޫން ކަމަށެވެ.
ޔޫކްރައިންގެ ރައީސް، މޯދީގެ އަރިހުގައި ސުލްހައިގެ ފޯމިއުލާއެއްގެ ވާހަކަ ދެއްކެވީ، އިންޑިއާ އާއި ރަޝިއާ އަކީ ގާތް ދެގައުމަށް ވުމާ އެކު ސުލްހަ ގާއިމު ކުރުމަށް އިންޑިއާ އަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ގަބޫލުކުރައްވައެވެ.
މޯދީ އާ، އެ ވާހަކަ ހިއްސާ ކުރެއްވި ކަމަށް ޒެލެންސްކީ ވިދާޅުވި ނަމަވެސް އިންޑިއާ ސަރުކާގެ ފަރާތުން ނުވަތަ މޯދީގެ ފަރާތުން އަދި އެކަމުގައި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.