އަންނަ ޖެނުއަރީ މަހުގެ 28 ގައި ބޭއްވުމަށް ތާވަލް ކޮށްފައި ވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީ ހޮވުމުގެ މައްސަލައިގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދެފެކްޝަން އަރާރުންވެ ރައީސް ނަޝީދުގެ ފެކްޝަން، ޖަލްސާ ދޫކޮށް ހިނގައްޖެއެވެ.
ރިޔާސީ އިންތިހާބުގެ ޕްރިމަރީގެ ކުރިން ފެށިގެން އެމްޑީޕީގެ ތެރޭގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފައެވެ. ދެ ރައީސުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ހަމަލާތައް ދެމުން ގެންދަވާ އިރު، ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވަން ނިންމެވި ހިސާބުން ފެކްޝަން ދަނީ އިތުރަށް ވަކިވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަލާތައް ދެމުންނެވެ.
މިރޭ ތާޖުއްދީން ސްކޫލުގައި އޮތީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީއަށް ހޮވަން ޖެހޭ 5 މެންބަރުން ހޮވުމެވެ.
މިރޭ ނަން ހުށަހެޅުމަށް ހުޅުވާލުމުން ރައީސް ނަޝީސުގެ ފެކްޝަނުން ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވީ، ރައީސް ނާޝިދަށް ތާއިދު ކުރާ 2 މެންބަރަކާއި ރައީސް ސޯލިހަށް ތާއިޑު ކުރާ 2 މެންބަރެއްގެ އިތުރުން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިތުބާރު ކުރެވޭ މެންބަރަކާއެކު ޖުމްލަ 5 ހަމަކުރާށެވެ.
އާޒިމްގެ ހުށަހެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވި ނަމަވެސް، ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސްން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެދިވަޑައިގަތީ 5 މެންބަރުންގެ ނަން ހުށަހެޅުމަށެވެ.
ނަމަވެސް އާޒިމް އޭރު ހުށަހެޅުއްވީ 3 ނަމެކެވެ. އެއީ، ވިލިމާލެ ދާއިރާގެ ކުރީގެ ރައީސް މުހައްމަދު އިބްރާހިމް މަނިކާއި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދުގެ ނަމެވެ.
ރައީސް ސޯލިހުގެ ފެކްޝަނުންވެސް ނަން ހުށަހެޅިއެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުށައިން ޝަމީން (އަނދުން ހުސައިން) 5 ނަމެއް ހުށަހެޅުއްވިއެވެ. އެއީ، ޑެޕިއުޓީ ޗެއާ އިބްރާޙިމް ވަހީދާއި އަނަސް އަބްދުއްސައްތާރާއި، އަކްރަމް ކަމާލުއްދީނާއި، އަހުމަދު އަބްދުﷲ އަފީފާއި، ކެނދިކުޅުދޫ ދާއިރާގެ ރައީސް މުހައްމަދު އީމާންގެ ނަމެވެ.
އަދި އާޒިމް އަށް ދިން ފުރުސަތުގައި އޭނާ އިތުރު ނަމެއް ހުށަނާޅުއްވައި، ރައީސް ސޯލިހު ފެކްޝަނުން ބޭނުންވާ 2 ނަމެއް ހުށަހެޅުމަށް އެޑިވަޑައިގަންވަމުން ގެންދެވުމާއި ރިޔާސަތުން އުޒުރުވެރިވުމުން ދެފެކްޝަންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަން ފެށިއެވެ.
އެއާއެކު ގައުމީ މަޖިލީހުގެ މާހައުލު ބަދަލުވެ، ކޮންޓްރޯލް ގެއްލި އެ މީހަކަށް ފެނުނު ހިޔާލެއް ފާޅުކުރަމުން ގެންދިޔައެވެ. ފައްޔާޒުގެ ރިޔާސަތުގައި ޕާޓީ ހިންގާ ނުލެވޭ ކަމަށާއި، ހިނގަން ވީ ނޫން ކަމަށް ބުނެ ބައެއް މެންބަރުން ހުޝާމަދު ކުރުމުގެ މޭރުމުން ވާހަކަ ދެއްކިއެވެ. އަދި ނަޝީދުގެ ފެކްޝަނުން 5 ނަމެއް ހުށަނެޅުމުން އެ ފެކްޝަނުން ހުށަހެޅި 3 ނަމަށް ވޯޓަށް އަހަން ރިޔާސަތުން އުޒުރުވެރި ވެ ހިނގި ބަހުސަށް ފަހު ނަޝީދު ފެޖްޝަން ޖަލްސާ ދޫކޮސް ދިޔައީއެވެ.
އެ އަށް ފަހު ރިޔާސަތުން، އަނދުން ހުސައިން ހުށަހެޅި ނަންތަކަށް ވޯޓަށް އަހައި ފާސްކޮށް އިންތިހާބު ކޮމިޓީ އެކުލަވާލައި ގައުމީ މަޖިލީސް ނިންމާލިއެވެ.