ރ. ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާނުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ނަޒީމެވެ. ނާޒިމް އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ވާދަކޮށް 68 ވޯޓުގެ ތަފާތަކުންނެވެ.
އެ ގޮނޑިއަށް ވާދަ ކުރި ކެންޑީޑޭޓުންނަށް ލިބުނު ވޯޓުގެ ނަތީޖާ ދައްކާ ގޮތުގައި އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓް އަހްމަދު ހުސައިނަށް ލިބިފައި ވަނީ 298 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް 544 ވޯޓު ލިބިފައިވާ އިރު އަބްދުﷲ ނާޒިމަށް ލިބިފައި ވަނީ 612 ވޯޓެވެ. އެ ބައި އިލެކްޝަންގައި ވޯޓުލީ ދުވާފަރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 43.6 ޕަސެންޓު މީހުންނެވެ.
މި ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ނާޒީމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެއީ ޑީޖޭއޭއަށް ހެދުނު އޮޅުމެއްގެ ސަބަބުންނެވެ. ނަމަވެސް އޭނާ އިންތިހާބު ކުރީ ކެންޑިޑެސީއާ ގުޅިގެން ކޯޓަށް ވެއްދި މައްސަލައެއް ކާމިޔާބު ކުރެއްވުމުންނެވެ. ނަޒީމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޑީޖޭއޭ އިން އޭނާގެ ދަރަނީގެ ރެކޯޑް ދޫކުރިއިރު އޮޅިގެން ބައެއް ރެކޯޑްތައް ހިމަނާފައި ނެތުމުންނެވެ.
ފަހުން ޑީޖޭއޭ އިން އެ ރެކޯޑްތައް ނަޒީމަށް ދިނަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ ވަގުތު ހަމަވެފައި ވާތީ އެ ލިޔުންތައް ބަލައިނުގަތުމަށާއި އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށެވެ. އެ މައްސަލަ ނަޒީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ވަނީ ދަރަނީގެ ރެކޯޑް ފުރިހަމަނުވީ ޑީޖޭއޭ އަށް އެރި އޮޅުމެއްގެ ސަބަބުން ކަން އެ އިދާރާގެ ބަހުން އެނގޭ ކަމަށެވެ.
ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން އެ ދުވަހު އެ ލިޔުންތައް ފުރިހަމަކޮށް، ނަޒީމްގެ ރެކޯޑް ހުށަހަޅާފައިވާތީ އޭނާގެ ކެންޑިޑެސީ ބަލައިގަންނަން ޖެހޭ ކަމަށް ހުކުމުގައި ވެއެވެ.