އިންޑިއާގައި އޮތް ކަމަށް ނޫސްވެރިން ގަބޫލުރާ ހަމައެކަނި މިނިވަން ޓީވީ، އެންޑީޓީވީގެ ފައުންޑަރުން ގޯތަމް އަދާނީއަށް ޝެއާ ކޮޅު ވިއްކާލައިފިއެވެ.

މިހާރު އެންޑީޓީވެ 65 ޕަސެންޓް ޝެއާ ހޯލްޑްކުރާ ފަރާތަކީ ބިލިއަނަރު ގޯތަމް އަދާނީއެވެ.

އެންޑީޓީވީގެ ފައުންޑަރުން ކަމަށް ވާ ރަދިކާ އާއި ޕްރަނޯއީ ރޯއީ އާ ދެމީހުން، އެމީހުންގެ ޝެއާގެ ތެރެއިން އިދާރީ ބޭނުމަށް 5 ޝެއާ ބޭއްވުމަށް ފަހު ބާކީ 27 ޕަސެންޓް ޝެއާ އަދާނީ އަށް ވިއްކާލި އިރު، އެ މުއާމަލާތުގެ އަގެއް އަދި އެއްބަސްވި ގޮތެއް ސާފެއް ނުވެއެވެ. އެ ދެމީހުން އަދާނީއަށް ޝެއާ ވިއްކުމުގެ ކުރިން އަދާނީއަށް އޮތީ 37 ޕަސެންޓް ޝެއާއެވެ.

ބަނދަރުތަކާއި އެނާޖީ އިންޑަސްޓްރީގައި ހަރަކާތްތެރި ވާ ބިލިއަނަރު އަދާނީ އެންޑީޓީވީ ގަންނަން އުޅުނު އިރު، އެ ޑީލް ކުރިއަށް ނުގެންދެވޭނެ މަގުތައް ހޯދަން ރަދިކާ އާއި ރޯއީ ވަނީ އޭރު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޝެއާ ބާޒާރުން އަދާނީ އެންޑީީވީގެ ބޮޑުއަދަދެއްގެ ޝެއާ ގަތުމާއެކު އެ ކުންފުންޏަށް އިތުރު އެހެން ގޮތެއް ނުފެނުނެވެ.

1988 ގައި ރަދިކާ އާއި ރޯއީގެ ދެމަފިރިން އުފަން ކުރި އެންޑީޓީވީ ގަތުމުގެ މުއާމަލާތް ކުރިއަށް ދިޔަ އިރު އަދާނީ ބުނީ، އޭނާ އެންޑީޓީވީ ގަންނަނީ ވިޔަފާރި ކުންފުންޏަކަށް ވުރެ ބޮޑަށް ޒިންމާއެއް ކަމުގައި ދެކިގެން ކަމަށެވެ. އަދި އޭނާ ވަނީ އެ ޓީވީގެ ޗެއާމަނެއްގެ ގޮތުގައި ދެމިހުރުމަށް ރޯއީއަށް ދައުވަތު ވެސް ދީފައެވެ.

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަށް ގުޖުރާތަށް ނިސްބަތް ވާ އަދި މޯދީއާ ގާތް ގުޅުމެއް އޮންނަ އަދާނީ އެންޑީޓީ ގަންނަ ވާހަކަ އިއުލާން ކުރި ހިސާބުން އެ ޓީވީގެ ޝެއާ ވެލިއު 55 ގުނަ މައްޗަށް ދިޔައެވެ.