އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޥާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރިމަރީގައި ވާދަ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 20،000 ފޯމް ހުށަހަޅުއްވައިފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރުކަން ކުރައްވާ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ފޯމު ހުށަހެޅުއްވީ 20،000 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދާ އެކުގައި ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ފޯމު ހުށަހަޅުއްވާފައި ވާއިރު މިއަދަކީ ފޯމް ހުށަހަޅަން އޮތް ފަހު ދުވަހެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ އިތުރުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވައެވެ. އެމަނިކުފާނު ވަނީ 500 މީހުންގެ ސޮޔާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޯމް ހުށަހަޅުއްވާފައެވެ.
ދެ ރައީސުން ޕްރައިމަރީގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދާ އިރު އެމްޑީޕީގެ އެތެރެ ވަނީ ދެފެކްޝަނަކަށް ބެހި ފެޅިފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ގިނަ އަދަދެއްގެ މެންބަރުން ރައީސް ސޯލިހުގެ ފަޅީގައި ތިބި އިރު، ރައީސް ނަޝީދުގެ ފަޅީގައި ދެމި ތިބީ، އެމަނިކުފާނަށް "ލޯޔަލް" ނަގާ ކިޔާ މަދު މެންބަރުން ކޮޅެކެވެ.
ޕްރައިމަރީގެ ނަތީޖާ އަކީ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭ ކެންޑިޑޭޓެއް ކަނޑައެޅިގެން ދާ ނަތީޖާއަށް ވާއިރު، ދެ ރައީސުންގެ ދެމެދުގައި އުފެދިފައި ވާ މި "އުދާސް ގަނޑު" ގައި ނަޝީދުގެ ފަޅިން ގެންދަވަނި ސަރުކާރަށް ނުކުރެވި ހުރި ކަންކަމުގެ ވާހަކަ ދައްކާ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ މި ސަރުކާރުން ވައުދުތައް ނުފުއްދާ ކަމަށާއި ރައީސް ސޯލިހުގެ ވެރިކަން ނިމޭ އިރުވެސް ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް ވެސް ބެލިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސް ސޯލިހަށް ވޯޓު ނުލާފާނެހެން ހީވާތީ "އަސްލު އެމްޑީޕީ" ގެ މެންބަރުންގެ ތެރެއިން 39 ހާށް މެންބަރުން ޕަޓީން ވަކި ކުރި ކަމުގެ ތުހުމަތުވެސް ނަޝީދު ވަނީ ސޯލިހުގެ އިސްތަށިފުޅުގައި އަޅުވާފައެވެ.
ނަމަަވެސް، ނަޝީދުގެ މި ތުހުމަތުތައް ދޮގުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ދަފްތަރު ސާފު ކުރުން ނުވަތަ މެންބަރުން ވަކި ކުރުމާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ސެކްރެޓޭއިއޭޓުންވެސް މިކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެ ބުނެފައި ވަނީ އެ ޕާޓީގެ ދަފުތަރަކީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުންދާ ދަފުތަރެއް ކަމަށެވެ.