ތަނެއް ތަހުޒީބުވެ މަދަނީ ގޮތުން ކުރިއާ ދަނީ އެތަނެއްގައި ކަމެއް ކުރެވޭނެ ސިއްހަތު ރަނގަޅު ދަރިންތަކެއް ތިބެގެންނެވެ. އެކަން ކަށަވަރު ކުރުމަށް އެ މުޖުތަމައެއްގައި ގިނަ ހައްގުތަކެއް ކަށަވަރުވެފައި އޮންނަން ޖެހޭ އިރު އެ މުޖުތަމައެއްގައި އުޅޭ ބަޔަކު އެ ހައްގުތަކުގެ ބޭނުން ކކުރަން ޖެހެނީވެސް ހެޔޮ ގޮތުގައެވެ.

އަހަރެއް ނިމެން ދާ އިރު، ރާއްޖޭގައި އާންމު ބައެއް ހައްގުތައް އޮތް ގޮތާއި ހާލަތު ވަޒަން ކުރުމަކީ، ކުރިއަށް އޮތް އަހަރަށް ކަންކަން ރަނގަޅު ކުރުމަށް ހަނދާން އާކޮށްދިނުމަކަށް ވެއެވެ.

ޕޮލިސީ މޭކަރުންނާއި، ތަންފީޒީ އިދާރާތަކުގެ ދުރުމީން ކަންކަން ބަލާ މިންގަނޑާއި ނޫސްވެރިންގެ ދުރުމީން އެކަންކަން މިނާ ގޮތް އެނގުން މުހިންމެވެ. އެގޮތުން 2022 ނިމެން ދާ އިރު ރާއްޖޭގެ އާންމު ބައެއް ހާލަތު ތައް ހުރި ގޮތް މިނެލާނަމެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، ނޮވެމްބަރު 22، 2018 ގައި އަބުރުގެ ގާނޫނު އުވާލުމުން ލިބުނު މިނިވަންކަމުގައި ހިޔާލުފާޅުކުރުން އިމެއްނެތި ލިބިިގެން ދިޔައެވެ. އެ ރިޔާސީ ވައުދުފުޅުގައި ދިން މިނިވަންކަން އަހަރު ނިމެންދާ އިރުވެސް އޮތް ކަމަށް ގަބޫލު ކުރެވުނަސް، މިދިޔަ ޖޫން 30 ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި "ހެއްކާބެހޭ ބިލް" ފާސްކުރުމުން ނޫސްވެރިންނަށް ގޮންޖެހުމަކަށް ވިއެވެ. އެބިލުގައި މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުވާފައި އޮތުމުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު އެ ބިލު އިސްލާހު ކުރަން ސަރުކާރުން ނިންމާފައި ވީ ނަމަވެސް އަދި އެ ބިލު އޮތީ ތަސްދީގު ކުރި ގޮތަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ރައީސް ތަސްދީގު ކުރެއްވި "ނަފްރަތުގެ ބިލް" އަށް ފަހު އައި ހެއްކާ ބެހޭ ބިލުން ނޫސްވެރިކަމަށް ހިޔަނި އެޅިގެން ދިޔަ އިރު، ކުރިންވެސް އަދި މިހާރުވެސް ބަދަލު ނުވެ ދެމިގެން އަންނަ އެއް ސަގާފަތަކީ އިދާރާތަކުން މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެވެ. ކުރީ ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރުގައިވެސް މައުލޫމާތު ނުދީ ހިފަހައްޓާ މުައްސަސާތައް އެބަހުއްޓެވެ. އަދި މީޑިއާއާ މާ ބޮޑަށްވެސް ބީރައްޓެހި މުއައްސަސާތައް ވެސް އެބަހުއްޓެވެ.

ހިޔާލުފަޅު ކުރުމުގެ މިނިވަންކަން އޮންނަ މިންވަރު ވަރަންކޮށް ގިންތި ކުރާ ރިޕޯޓާސް ވިތްއައުޓް ބޯޑާސް ވޯލްޑްޕްރެސް ފްރީޑަމް އިންޑެކްސް ބުނެފައިވާ ގޮތުން ރާއްޖެ ވަނީ 2021 ވަނަ އަހަރަށް ވުރެ 15 ދަރަޖަ ދަށަށް ވެއްޓި 180 ގައުމުގެ ލިސްޓުގެ 87 ވަނައިގައެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައިގެ ގޮތުގައި ބިދޭސީ އިން ހިމެނޭ އިރު، އެއީ މިފަދަ ރިޕޯޓެއްގައި ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ އިގުތިސޯދުގެ މައި އިންޖީނު ހިނގަމުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ އަތް މަތިންނެވެ. ރާއްޖޭގައި 2 ލައްކަ އަށް ވުރެ މަތިން ބިދޭސީން އުޅޭ އިރު އެއްވެސް ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ މައްޗެވެ. މީގެ ތެރެއިން ގިނަ މީހުން ހަރަކާތްތެރި ވަނީ އިމާރާތްކުރުމާއި ފަތުރުވެރިކަމާއި އާދަދިގެ ކުދިކުދި މަސައްކަތްތަކުގެ ދާއިރާތަކުގައެވެ.

މަސްދޯންޏެއްގައި ބިދޭސީން މަސައްކަތް ކުރަނީ / ފޮޓޯ: ދަ ޕްރެސް

ހިނގަމުން މިދާ ސަރުކާރު އައިސް ބިދޭސީން ގަވައިދަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގި ނަމަވެސް އެ މަސައްކަތުގެ އެދެވޭ ނަތީޖާއެއް ނުފެނި، މިހާރުވެސް ވިއްސިވިހާލިވެގެންނާއި ތަފާތު އެކިއެކި ކުށްތަކަށް އަރައިގަނެ ފިލައިގެން އުޅޭ ބިދޭސީންނާއި ދިރިއުޅުމުގެ ހާލަތު ވަޒަން ނުކުރެވި، ގިނަ އަދަދެއްގެ ބަޔަކު ކުދިކުދި ކޮތަރިތަކުގައި ތޮއްޖެހިގެން އުޅުން ހައްލު ކުރެވިފައެއް ނުވެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން 10 މީހަކު މަރުވި އިރު އެމީހުން ދިރިއުޅުނު އިމާރާތަކީ، 3 ކޮޓަރިއެއްގައި 43 މީހަކު ދިރިއުޅުނު ތަނެކެވެ. މިފަދަ އެތައް ލޭބާ ކްއާތަރުތަކެއް މި މާލޭގައި ހުރި އިރު އެތަންތަން ބަލައި އެކަށީގެންވާ ގޮތެއްގައި މުއައްސަސާތަކަށް މޮނިޓާ ކޮށް ގަވައިދަށް ފެއްތިފައެއް ނުވެއެވެ.

ބިދޭސީންގެ މިފަދަ މައްސަލަތަކުގެ އިތުރުން ހިއުމަން ޓްރެފިކިންގެ މައްސަލަތައް ވެސް ހުރީ ފުނިޖެހިފައެވެ. ނަމަވެސް ހުސްވި 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އިކޮނޮލިކް މިނިސްޓަރު ފައްޔާރު އިސްމާއީލް ވިދާޅުވެފައި ވަނީ ކޮންމެ އަހަރަކުވެސް ވޯކް ވިސާގައި ރާއްޖެ ގެންނަ ބަންގްލަދޭޝްގެ ރައްޔިތުން ގިނަ އަދަދަކަށް ގެނެސްގެން ހިންގަމުން އައި ހިއުމަން ޓްރެފިކިންގެ މައްސަލައަށް ނިމުމެއް ގެނެވިފައިވާ ކަމަށެވެ. އެއީ ލޭބާ ކެޓަގަރީގެ މީހުން ބަންގްލަދޭޝް އިން ރާއްޖެއަށް ނުގެނެވޭ ގޮތަށް ހަދާފައި އޮތް އޮތުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެއްޗެއް ކަމަށް ބެލެވެއެވެ. އެހެނީ މިހިނގާ 2022 ވަނަ އަހަރުވެސް ހިއުމަން ޓްރެފިކިންގެ ގިނަ މައްސަލަތައް ފެންމަތި ވި އިރު އެއިން މައްސަލައަކާ ގުޅިގެން ފުލުހަކު ވެސް ހައްޔަރު ކޮށްފައި ވެއެވެ.

މޫސުމީ ނުރައްކާ

ދިވެހިރާއްޖެ ފަދަ ނާޒުކު ގައުމަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކާ އިތުރުވެފައިވާ އިރު ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުތައް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވިފައި ނުވުމުގެ އިތުރުން ތިމާވެށްޓަށް ނުރައްކާ ކުރިމަތި ވެދާނޭ ފަދަ ގިނަ ޕްރޮޖެކްޓުތައް ސަރުކާރުން ހިންގާކަން ފާހަގަ ކުރެވެއެވެ. ރަނގަޅު އީއޭއޭ ރިޕޯޓެއް ނެތި އަތި އޮތަސް އެއަށް ބެލުމެއް ނެތި ސިޔާސީ ނުފޫޒާއެކު އެކިއެކި ރަށްރަށް ހިއްކާ ހެދުމުގެ ނަތީޖާ އަކީ ރީތި ދޮންވެލި ގޮނޑުދޮއްތައް ގިރާ، މުރަކައާއި ގާ އެރުމުގެ އިތުރުން ހޭޅިފަށް ނެތި މޫދުގެ ތެރެއަށް ގިރިގެން ދިޔުންކަން ރާއްޖޭގެ އުތުރާއި ދެކުނުން ފެންނާން އެބައޮތެވެ.

އީއެސްއާރްސީ-އެފްސީޑީއޯ ޑިވަލޮޕްމަންޓް ފްރޮންޓިއާޒް ގްރާންޓް އަދި އީސީއާރްސީ-އެފްސީޑީއޯ ޖޮއިންޓް ފަންޑް ފޮލޯ-އޮން ގްރާންޓުން ފަންޑު ކޮށްގެން، ދިވެހިރާއްޖޭގެ ވެއްޓާ ބެހޭ ތަފާތު ހޯދުންތަކެއް ހޯދާފައި ވާ އިރު ޔުނިވާސިޓީ އޮފް ރެޑިންގްގެ އެސޯސިއޭޓް ޕްރޮފެސާ އިން އެންވާރަމަންޓް އެންޑް ޑިވަލޮޕްމަންޓް، އެލެކްސް އާނެލް ވިދާޅުވަނީ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ދިވެހިރާއްޖެއަށް އޮތް ސީރިއަސް ނުރައްކަލަކަށް ވީ ނަމަވެސް، މައިގަނޑު ގޮތެއްގައި ރަށްގިރުން ގުޅެނީ އައްސޭރިފަށުގެ ތަރައްގީގެ މަޝްރޫއުތަކާ، ބައިނަލްއަގުވާމީ ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެވެ. ވަކިން ހާއްސަކޮށް އާ ބަނދަރުތައް އެޅުމުގެ ނަމުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކެވެ.

ރަށެއް ގިރައި ގޮނޑުދޮށުގައި ހުރި 2 ރުކެއް މޫދަށް ވެއްޓޭ ހިސާބުގައި އޮތް އިރު 2 ކުއްޖަކު ހާސްކަމުގައި ---

ބަނދަރުތަކަކީ، އެކަހެރި ކޮށް އޮތް ޖަޒީރާ މަންޒިލްތައް ގުޅާލަ ދޭ ފާލަމަކަށް ވީ ނަމަވެސް، ޖިއޮގްރަފީގެ ނަޒަރުން ބަލާއިރު، މިއީ އައްސޭރި ފަށުގައި ވެލި ދަތުރު ކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. ބައެއް ފަހަރު، އެކި ދިމަދިމާއިން މުޅި ގޮނޑުދޮށް ގިރައިގެން ގޮސް، އާންމު ގެތަކާ ހިސާބަށް ރާޅުގެ އަސަރު ކުރެއެވެ. ހަތިޔާރަކަށް ވަނީ، ތޮށިގަނޑުލުމެވެ. ނަމަވެސް، މިއީ އޭގެ މާ ބޮޑު ފައިދާއެއް ނެތް، އެހެން ނަމަވެސް، އިންތިހާއަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ.

މި މައްސަލަތައް މި މަގަށް ހުރި އިރު، މިހިނގާ 2022 ނިމެނީ، ޕޮލިސީ ލެވެލްގައިވެސް މި މައްސަލަތަކުގެ ހައްސާސް ކަމަށް ނަޒަރު ނުކޮށް ނުވަތަ "ކަނު ބަނދެ" ތިބެގެންނެވެ.

ކުދިންނަށް ދޭ އަނިޔާ އާއި ގެވެށި އަނިޔާ

ކަންކަން ހާމަވެ ނިއުޅެމުން ދިޔުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި އަސާސީ ހައްގުތައް ރައްޔިތުންނަށް އެނގެމުން ދިޔަ ވަރަކަށް ގެވެށި އަނިޔާގެ މައްސަލަތައް ފެންމަތިވެ ރިޕޯޓު ކުރާ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ނުބަލާތީ މަގުމައްޗަށް ނުކުންނަން ޖެހޭ ހާލަތްތަކާއި ގެވެށި އަނިޔަގެ ޝިކާރައަކަށް ވެ ފުރާނަ ގެއްލުނު ހާދިސާތައްވެސް މިއަހަރު ވަނީ ހިނގާފައެވެ. އޭގެ ތެރެއިން އެއް ހާދިސާ އަކީ، އޮގަސްޓް 6، 2022 ގައި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެ މިދުނިޔެއާ ވަކިވި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހިތާމަވެރި މަރެވެ. އެ ހާދިސާއާ ގުޅިގެން ގިނަ އިދާރާތަކަކުން އެކަން ކުށްވެރި ކުރި ނަމަވެސް އެފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދޭން އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ. ރާއްޖެ އިއްސުވާލި އެފަދަ ދެވަނަ ހާދިސާއެއް ހިނގީ، މި ހިނގާ ޑިސެމްބަރު 10، 2022 ގައެވެ. އެ ހާދިސާގައި ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު ޒަހަމްތަކާއެކު މަރުވެފައި އޮއްވާ އޭނާގެ ކޮޓަރިން ވަނީ ފެނިފައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެ ފުރާނަ ގެއްލުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތައްވެސް މިއަހަރު މަދެއް ނޫނެވެ. ކޮންމެ މަހަކު 200-300 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކުރާ އިރު، އެ އަދަދުތައް ހާމަ ކުރުން ފިޔަވައި އެ މައްސަލަތައް މަދު ކުރުމަށް އިދާރާތަކުން ކުރާ މާބޮޑު ކަމެއް ފެންނާކަށް ނެތެވެ. ގައިމުވެސް ނަތީޖާއެއް ނުފެނެއެވެ.

ބައިނަލްއަގްވާމީ ބައެއް ޕްރެޝަރާއި ކަންކަން

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ދަތުރެއްގައި ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ރާއްޖޭގެ ސަރުކާރާ އެކު މަޝްވަރާ ކުރިއެވެ. އަދި އެ އަހަރުގެ ޖޫން މަހުވެސް އެމެރިކާގެ އަންޑާ ސެކްރެޓަރީ އޮފް ޑިފެންސް ޕޮލިސީ ވަނީ ސަލާމަތީ ދާއިރާތަކުން އެއްބާރުލުން އިތުރުކޮށް "އަނިޔާވެރި ހަރުކަށި ފިކުރުގެ" ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާ ފޯނުން ވާހަކަ ދައްކަވާފައެވެ. ހަމަ އެއަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ކުރެއްވި ފޯނު ކޯލެއްގައި ރައީސް ސޯލިހު ވަނީ ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާއަށް އެއްބާރުލުން ދެއްވާނޭކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ޗައިނާއިން ދީފައިވާ ލޯން ފެސިލިޓީ ފަސްކޮށް ދިނުމުގެ މަޝްވަރާތައް ވެސް ކުރައްވާފައި ވާ އިރު މި ސަރުކާރުގެ އެންމެ ގާތް ބައިވެރިޔާ، އިންޑިއާއާ އާ އެކު ގިނަ އެއްބަސްވުންތަކެއް ހަދައި، ގިނަ އަދަދެއްގެ ލޯން ފެސިލިޓީ ހޯދިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގުޅިއެއް ހަދިޔާ ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

އެ އަހަރުގެ ބައިނަލްއަގުވާމީ ބައެއް ގުޅުންތައް 2022 އަށް ދެމިގެން އައިސްފައި ވާ އިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ގިނަ މުއާމަލާތްތަކެއް ކުރެވި ދެގައުމުގެ ހެޑް އޮފް ސްޓޭޓްސް އާއި ވެރިންގެ ފެންވަރުގެ ގިނަ ބައްދަލުވުންތައް ބާއްވާފައި ވެސް ވެއެވެ. އެގޮތުން މިހިނގާ އަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ގްރޭޓާ މާލޭ ކަނެކްޓީވިޓީ ބްރިޖްގެ ފުރަތަމަ ތަނބު ޖަހަން ރައީސް ސޯލިހު ދިއްލީއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު މީގެކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންނާއި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި އަދި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވިއެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ ތަފާތު 6 އެއްބަސްވުމެއް ބަދަލުކުރިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނޭ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މި ބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެކި މަރުހަލާތަކުގައި ދިމާވަމުން ދާ ގޮންޖެހުންތަކާ ގުޅިގެން މަސައްކަތް އަވަސް ކުރުމުގެ ނަމުގައާއި އެނޫން ކަންކަމުގައި ފެސިލިތީތައް އިތުރު ކުރަމުން ގޮސް މިހާރު ބްރިޖްގެ އަގު ވަނީ 600 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ދިވެހި ސަރުކާރުން އިންޑިއާ އަށް ވީއްލިފައި އޮތްލެއް ބޮޑުކަމުން އެކިއެކި ދާއިރާތަކުން އިންޑިއާގެ ނުފޫޒު ވަދެ "ސަރުކާރު ފިތިއްޖެ" ކަމަށް އިދިކޮޅާއި ގިނަ ދިވެހިން ކުރާ ތުހުމަތުވެސް އަހަރު ނިމެންދާއިރު އޮތީ އެގޮތަށެވެ. އިންޑިއާގެ ނުރުހުމުގައި އެއްކަމެއްވެސް ސަރުކާރަށް ވާން ނެތް ކަމަށް ބުނާ އިރު، ހާޖިރީ ގުޅުންތަކުގެ ތެރެއިން އަވައްޓެރި ޕާކިސްތާނާއި އަދި ޗައިނާއާ އެކު ރާއްޖެއިން ބާއްވާ ގުޅުންތައް ކުޑަކުރަން ޖެހިފައި ވުމަކީ ފެންނާން އޮތް ހަގީގަތެކެވެ.

ތަރައްގީއާއި ހަރަދު

ވެރިކަމުގެ 4 އަހަރު ނިމޭ އިރު މާސިންގާ ބިޔަ ޕްރޮޖެކްޓެއް ފެންނާން ނެތަސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް 8 ބިލިއަން ރުފިޔާގެ މަޝްރުއު ހިންގައިފިއެވެ. ހައި އިމްޕެކްޓް ޕްރޮޖެޓްތަކުގެ ނަމުގައި ރަށްރަށުގެ އުމްރާނީ ތަރައްގީއަށް އަމާޒު ކޮށް ހިންގާ ކުދިކުދި މަޝްރޫއު ނުވަތަ މަސައްކަތްތައް މިސަރުކާރުގައި ގިނަ އިރު ދަތުރުފަތުރާ ގުޅުން ހުރި ދާއިރާ ތަރައްގީ ކުރަން 3.1 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ބޮޑު ތިލަދުންމަތީގައި ރަސްމީކޮށް ފެށުމަށ ބޭއްވި ރަސްމިއްޔާތުގެ ތެރއިން / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީ މެދުވެރިކޮށް ފެށި އާރުޓީއެލް ފެރީ ލޯންޗާއި ބަހުގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިތްގައިމު އަދި އަގު އެހާމެ ހެޔޮ ދަތުރުފަތުރުގެ ނިޒާމަކަށް ވެފައި ވުމަކީ މިސަރުކާރަށް އެ ރޮނގުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ދަންނަވަން ޖެހެއެވެ. ސަރުކާރުން ސަބްސިޑައިޒް ކޮށްގެން މިހާރު އެ މަޝްރޫއު ގެންދިޔަ ނަމަވެސް ދެމެހެެއްޓެނިވި ގޮތެއްގައި ދެކޮޅު ޖެހޭ ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގުތައް ހޯދަން ޖެހެއެވެ.

ފެނާއި ނަރުދަމާއަށްވެސް ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައި ވާކަން ހިސާބުތަކުން ދައްކާ އިރު މިހާތަނަށް 1.3 ބިލިއަން ރުފިޔާ އެކަމަށް ވަނީ ހޭދަ ކޮށްފައެވެ. ރަށްރަށުގައި ސާފު ބޯފެނާއި ރައްކާތެރިކަމާއެކު ނަޖިސް ނައްތާލެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިޔުމަކީ ދުޅަހެޔޮ ސިއްހަތަކަށް އެންމެ އަސާސީ އެއް ހިދުމަތެވެ. ރިޓާނެއް (އާމްދަނީއެއް) ނުލިބޭ އެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ކޮށްދޭން ޖެހޭ ގޮތަށް އޮންނަ މަސައްކަތެއް ނަމަވެސް، އެއާ ލާޖައްސާ، ދެމެހެއްޓެވި ގޮތެއްގައި އާމްދަނީ އެއް ލިބި އެ މަޝްރޫއަށް ހަރަދު ކުރެވޭނެ މަގުތައް ހޯދަން ޖެހެއެވެ.

ޕީއެސްއައިޕީގެ 8 ބިލިއަން ރުފިޔާ ލައިގެން މިއަހަރު ނިމޭ އިރު ޖުމްލަ 39 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައި ވާ އިރު، ދައުލަތުގެ 36 ބިލިއަން ރުފިޔާގެ ބަޖެޓު ވަނީ ހުސްވެފައެވެ.

ލިބޭ އާމްދަނީއާއި ހަރަދު ދިމާ ނުވެ ކޮންމެ އަހަރެއްގެ ބަޖެޓް ހުސްވާ އިރު އަންނަ 2023 ވެގެން ދާނީ ޓެކްސް ތައް ބޮޑު ކުރުމާއި ބާޒާރު ކޮތަޅުގެ އަގު ބޮޑު ކުރުމުގެ އިތުރުން އިންފްލޭޝަން މިވެގެން ދާ އަހަރަކަށް ވާއިރު އަންނަ އަހަރަށް ފާސްކުރި 42 ބިލިއަން ރުފިޔާގެ ބަޖެޓު ރަނގަޅަށް މެނޭޖް ކޮށް އާމްދަނީ އާއި ހަރަދު ބައްދަލު ކުރަން ހާއްސަސިޔާސަތުތަކެއް ތަންފީޒު ކުރަން ޖެހެއެވެ.