އިންޑިއާގެ ބޮޑު 2 ސްޓޭޓެއް ކަމަށް ވާ މަހާރާސްތްރަ އާއި ތެލަންގަނާ އަށް ލައްވާލައި ގޮތަށް ފަޅިއަކަށް 4 ކޮޓަރި ހުންނަ ގެއެއް މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.

12 މީހުންގެ އާއިލާއެއް ދިރިއުޅޭ މިގޭގެ އެއް 4 ކޮޓަރި މަހާރާސްތްރާގައި ހުރި އިރު އަނެއް 4 ކޮޓަރި ހުންނަނީ ތެލަންގަނާގައެވެ. 2 ސިޓީގެ 2 ސަރުކާރަށް ބަރާބަރަށް ޓެކްސް ދައްކައިގެން މި އާއިލާ އުޅެމުން ދާއިރު، މަހާރާސްތްރަ ސަރުކާރަށް ވުރެ ގިނަ އެހީތައް ތެލަންގަނާ ސަރުކާރުން ލިބޭ ކަމަށް އެ އާއިލާ ބުނެއެވެ.

ގޭގެ ވެރިފަރާތުން މީޑިއާ އާ ވާހަކަ ދައްކަމުން ބުނީ، އޭނާގެ ބޭބެ އުޅެނީ ތެލަންގަނާގައި ހުންނަ 4 ކޮޓަރީގައި ކަމަށާއި އޭނާ އުޅެނީ މަހާރާސްތްރާގައި ހުންނަ 4 ކޮޓަރީގައި ކަމަށެވެ. ނަމަވެސް ބަދިގެން ހުންނަނީ ތެލަންގަނާގައި ކަމަށާއި އެހެން ކަމުން ކާން ދަނީ ތެލަންގަނާ އަށް ކަމަށެވެ.

މި ގެ، 2 ސްޓޭޓުގެ މެދަށް ލައްވާލާފައި ހުރިކަން ގޭގެ ވެރިންނަށް އެނގުނީ 1969 ވަނަ އަހަރު ކުރި ސާވޭއެއްގައި އެ ގެ ހުރީ 2 ސްޓޭޓުގެ މެދަށް ވާގޮތަށް ކަމަށް ސަރުކާރުން ބުނުމުންނެވެ. އަދި ސަރުކާރުން އެހެން ބުނުމުގެ އިތުރުން އެއްވެސް ދަތިއުނދަގޫ ކަމެއް މިހާތަނަށް ވެސް ކުރިމަތިވެފައި ނުވާ ކަމަށް ވެރިފަރާތުން ބުނެއެވެ.

މި ގެ މީޑިއާގެ ސަމާލުކަމަށް އައުމުން ބައެއް ފަރާތްތަކުން އާދަޔާ ހިލާފު ސުވާލުތައް ކުރިމަތި ކޮށްފައި ވެއެވެ. އެގޮތުން ގޭގެ ފެނާއި ކަރަންޓަކީ ކޮން ސަރުކާރަކުން ދޭ އެއްޗެއްތޯ އާއި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދާން ސިކުންތު ކޮޅެއްވެސް ބޭނުން ނުވާ ކަމަށާއި ގޭގެ މީހުން ދުއްވާ ވެހިކަލްގެ ކުރީ ބޯޑުގައި އޮންނަނީ ކޮން ސިޓީއެއްގެ ނަންބަރު ޕްލޭޓެއްތޯ އާއި ފަހަތުގައި އޮންނަނީ ކޮން ސިޓީއެއްގެ ނަންބަރު ޕްލޭޓެއްތޯ އަހާފައި ވެއެވެ.

މި ގެއަކީ މުޅިން ޕިންކް ކުލަ ލައި ޒީނަތްތެރިކޮށްފައި ހުންނަ ގެއެކެވެ.