އެފްރިކާގެ ގައުމެއް ކަމަށް ވާ ގެމްބިއާގައި ކެއްސާ ބޭސް ބޮއެގެން ގިނަ އަދަދެއްގެ ކުޑަކުދިން ތަކެއް މަރުވި މައްސަލައި ގިނަ އަދަދެއްގެ ބޭސްތަކެއް ހުއްޓުވާފައި ވަނިކޮށް އެ ބޭސްތަކުގައި ތަޣައްޔަރުވެފައި ވާ މާއްދާއެއް ނެތް ކަމަށާއި ސިއްހީ ގޮތުން ރައްކާތެރިކަމަށް އިންޑިއާއިން ބުނެފިއެވެ.

ޖެނެރިކް ބޭސް އެންމެ ގިނައިން އިންޑިއާއިން އެކްސްޕޯޓު ކުރާ އެއް ބައްރު ކަމުގައި ވާ އެފްރިކާގައި ކުޑަކުޑިންތަކެއް ބޭނުން ކުރި ކެއްސާ ބޭހުގެ ގިނަ ވައްތަރު ތަކަކީ އިންޑިއާގެ މެއިޑެން ފާމަސޫޓިކަލްސްގެ އުފެއްދުންތަކެކެވެ.

އެ ބޭސްތަކުގެ ތެރޭގައި؛

  • ޕްރޮމެރަޒައިން އޯރަލް ސޮލިއުޝަން
  • ކޮފެސްމަލިން ބޭބީ ކޯފް ސިރަޕް
  • މެކޮފް ބޭބީ ކޯފް ސިރަޕް
  • މެގްރިޕް އެން ކޯލްޑް ސިރަޕް ހިމެނެއެވެ.

މި ބޭސްތަކުގައި އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަކަށް ޑައިތެލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ހިމެނޭ ކަން ފާހަގަ ވެ ޑަބްލިއު އެޗްއޯއީން ވަނީ އެބޭސްތައް ބޭނުން ކުރުން ހުއްޓާލުމަށް އެފްރިކާ އަށް އަންގާފައެވެ. އަދި އެ ބޭސްތައް އުފައްދާ ކުންފުނިން އެކަމަށް ޖަވާބުދާރީވާންވެސް ޑަބްލިއުއެޗްއޯއިން ގޮވާލިއެވެ.

މި މައްސަލައިގައި އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް ޑރ. ވީޖީ ސޮމާނީ ޑްބްލިއުއެޗްއޯއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، އެ ބޭސްތަކުގައި ހިމެނޭ މާއްދާތައް އިންޑިއާގެ ސަރުކާރު ލެބޯޓަރީ ތަކުގައި ތަހުލީލު ކޮށްފި ކަމަށާއި، ކުޑަކުދިންގެ ފުރާނައަށް ނުރައްކާ މިންވަރުގެ އެއްވެސް މާއްދާއެއް ނެތް ކަމަށާއި ހުރިހާ ބައިތަކެއް ހުރީ ހަމަ މިންގަޑުގައި ކަމަށެވެ. އެއާއެކު އެސިޓީގައި އޭނާ ވަނީ، ޑަބްލިއު އެޗްއޯއިން ހޯދި ހޯދުންތަކުން ފާހަގަވި ކަންކަމުގެ ތަފްސީލީ މައުލޫމަތު ހިއްސާ ކުރަންވެސް އެދިފައެވެ.

ނަމަވެސް މިހާތަނަށް ޑްބްލިއުއެޗްއޯއިން އެ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށާއި އެހެން ކަމުން، އެ ބޭހުގައި ހިމެނޭ މާއްދާތަކާ ގުޅިގެން ޑަބްލިއު އެޗްއޯއަށް ފާހަގަވި ކަންކަން އިތުރަށް ބޭލޭނެ ގޮތެއް އަދި ނެތް ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގައި އުފެއްދި މި ކެއްސާ ބޭސްތައް ބޮއެގެން ގެމްބިއާގައި 66 ކުއްޖަކު ވަނީ މަރުވެފައެވެ. މި ބޭސްތައް ބުއިމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި އެންމެ ގިނައީ ކިޑަނީ ފެއިލްވުން ކަމަށް އޭރު ޑަބްލިއުއެޗްއޯއިން ރިޕޯޓު ކުރިއެވެ.

ކުޑަކުދިންނަށް ޑޭ ކެއްސާ ބޭސްތަކެއް ބޮއެގެން އިންޑޮނީޝިއާގައިވެސް 140 އެއްހާ ކުދިން މަރުވެގެން މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓު ކުރިއެވެ. ނަމަވެސް އިންޑޮނީޝިއާގައި ބޭނުން ކުރީ އިންޑިއާގެ އުފެއްދުމެއް ނޫނެވެ.