ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫގެ އިތުރުން އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެ އާއި ގަތަރާއި ދެމެދު އޮތް ބަދަހިގުޅުމާއި އިތުބާރާއި އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނި ކަމަށް ވިދާޅުވެފައެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އުރީދޫއިން މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އުރީދޫއަކީ ރާއްޖެ އާއި ގަތަރުގެ އާއްމު ތަރައްގީގެ ބައިވެރިއެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ސިއްހީ ދާއިރާއާއި ފައިދާހުރިކާނާއާއި އަންހެނުން ބާރުވެރިކުރުވުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

އުރީދޫގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓާ ޕްރޮގްރާމާއި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅުދެއްކެވިއެވެ.

އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ހިދުމަތްތައް ފުޅާކޮށް އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމައަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސްއާއި އަޒީޒް ވަނީ ވިދާޅުވެފައެވެ.