އިންޑިއާގެ ވެސްޓް ބެންގާލަށް ނިސްބަތްވާ އެއްމާބަނޑު ދެބެއިންގެ ކައިވެނި އެހެން އާއިލާ އެއްގެ އެއްމާބަނޑު ދެބެއިންނާ ކޮށްފިއެވެ.
އަރްޕިތާ އާއި ޕަރަމީތާ ކައިވެނި ކުރީ ލަވް އާއި ކުޝް ނަމަަކަށް ކިޔާ ފިރިހެނުންނާއެވެ. އެއްމާބަނޑު ދެބެއިން ކަމުން އަރްޕިތާ އާއި ޕަރަމީތާ އެންމެ ތުއްތު އިރުން ފެށިގެން ވެސް އުޅެނީ އެއްކޮށެވެ. އެއް ސްކޫލަށް ގޮސް ކިޔެވީ ވެސް އެއް ކުލާހަކުންނެވެ. ދުވަހަކުވެސް ދެމީހުން ކުރެ އެކަކުވެސް އަނެކަކު ދޫކޮށްފައި ނުދާނެ ކަމަށް ކުޑައިރު ދެމީހުން ވައުދުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި ޒުވާން އުމުރުފުރާ އަށް އެޅުމުން ދެމީހުން ވެސް ބޭނުންވީ އެމީހުން ފަދަ އެއްމާބަނޑު ދެބެއިންނާ ކައިވެނި ކުރުމަށެވެ. އެވާހަކަ އަރްޕިތާގެ ބައްޕަ ގާތު ބުނުމުން ބައްޕަ އެމީހުން ކައިވެނިކުރަން ދެކުދިން ހޯދިއެވެ. އެ ދުވަސްވަރަކީ ލަވް އާއި ކުޝްގެ ބައްޕަ ވެސް އެދެމީހުން ކައިވެނިކުރަން ރަނގަޅު އަންހެން ކުދިން ހޯދަމުން އައި ދަނޑިވަޅެއް ކަމުން ދެމީހުންނަށް އަރްޕިތާ އާއި ޕަރަމީތާ އާ ދިމާވީ އެވެ.
އަދި އެކަކު އަނެކަކާއެކު އުޅެން ފެށުމުން ދެމީހުންނަށް ވެސް ލޯބިވެވިގެން ކައިވެންޏަކާ ހަމައަށް ދިޔައެވެ. އަދި ކައިވެނި ހަފްލާ ބޭއްވި އިރު އަރްޕިތާ އާއި ޕަރަމީތާ އެއްކަހަލަ ހެދުމެއް ލައިގެން ހުރި އިރު ލަވް އާއި ކުޝްވެސް ހުރީ އެއްގޮތް ވެފައެވެ.