ހަމަ ނުޖެހުމެއް ނުހިނގާ އަހަރެއްހާ ދުވަސް ވުމަށް ފަހު އަރޫނަޗަލް ބޯޑަރުގައި ޗައިނާ އާއި އިންޑިއާ ސިފައިންގެ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފިއެވެ.

މިލްކުވެރިކަމުގެ މައްސަލައިގައި ދެފަރާތުން ދައުވާ ކުރާ މު ސަރަހައްދުގައި 2020 ވަނަ އަހަރު ހިނގި ހަމަނުޖެހުމުގައި 24 މީހަކު މަރުވި ފަހުން މިއަދާ ޖެހެންދެން ހަމަނުޖެހުމެއް ނުހިނގައެވެ.

މި ކުރިމަތިލުންތަކުގައި ދެފަރާތުން ބައެއް ސިފައިން ޒަހަމްވި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

އިންޑިއާ ސިފައިންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވާ ގޮތުން، އިންޑިއާ ސިފައިންގެ 6 މީހަކު ޒަހަމްވި އެވެ. އަދި މަޝްރަހު ހަމައަކަށް އެޅުވުމަށްޓަކައި ދެފަރާތުގެ ކޮމާންޑަރުން ކުއްލި ބައްދަލުވުމެއް ބާއްވާ، އެ ސަރަހައްދު ދޫކޮށް ފައުޖުތައް ވަނީ ފަހަތަށް ޖެހިފައި ކަމަށްވެސް ބުނެއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގް ވިދާޅުވީ، ހަމަނުޖެހުން އުފެދުނީ ޗައިނާގެ ސިފައިން އިންޑިއާގެ ސަރަހައްދަށް ވަނުމުން ކަމަށެވެ. އެއާއެކު ޗައިނާ ސިފައިން ފަހަތަސް ޖެއްސުމަށް ބަޑިހާފައި ވާ ކަމަށާއި، އަދި ފަހަތަށް ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މި ކުރިމަތިލުމާ ގުޅެ ގޮތުން ޗައިނާއިން މާބޮޑު އެއްޗެއް ނުބުނެ ބުނެފައި ވަނީ ބޯޑަރުގެ ހާލަތު އާންމުގޮތެއްގައި ރަނގަޅު ކަމަށެވެ.

އިންޑިއާ އާއި ޗައިނާ އާ ދެމެދުގައި ހިޔާލުތަފާތުވާ ސަރަހައްދުގެ ބޮޑުމިން 3440 ކިލޯމީޓަރަށް ދެމިގެން ދެއެވެ. މި ސަރަހައްދުގައި ދެގައުމުގެ ސިފައިން އަބަދުވެސް ހަރަކާތްތެރިވަމުން ދާ އިރު، ސަރަހައްދުގެ ސުލްހަ ބެލެހެއްޓުމަށް ދެފަރާތުން އެއްބަސްވެ ސޮއިކޮށްފައި އޮންނަ 3 މުއާހަދާއެއްވެސް އޮވެއެވެ. ކޯރުތަކާއި، ކުޅިތަކާއި ބޯ ސްނޯގެ ސަރަހައްދުތައް ހިމެނޭ މި އިމުގެ މައްސަލައިގައި އަރާރުން ވާ އެއް ސަބަބަކީ، ކޯރުތަކާއި ކުޅިތައް ހުންނަ ގޮތުން އިން ވަކިކުރާ ރޮނގުގެ އެއްފަރާތުން އަނެއް ފަރާތަށް މިއިން ބައެއް ކޯރުތަކާއި ކުޅިތައް އަދި ސްނޯގެ ސަރަހައްދުތައް ވަދެފައި ހުރުމުން އެއީ ވަކިބައެއްގެ ތަނެއްކަމަށް ނިންމިފައި ނުވާ ތަންތަން ދެފަރާތުން އަމިއްލަ ކުރަން ހިފާ މައްސަލަ ހޫނުވާތީއެވެ.