އިންޑިއާއިން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ގާއިމު ކުރި އެއްބަސްވުމަކަށް ވާއިރު އާރުބީއައި އިން ބުނީ މި އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރާ ހަމައަށް ކަނޑައަޅާފައިވާ ސްވޮޕް ފެސިލިޓީއެއް ނެގުމަށް އެމްއެމްއޭ އަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ކަރަންސީ ސްވޮޕްގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖެ އަށް ހޯދުމަށް މަގުފަހިވެގެން ދާއިރު ރާއްޖޭގެ ރިޒާވް އިތުރު ކުރުމަށް މިއީ ވަގުތީ ހައްލެކެވެ. އަދި ކަރެންސީ ސްވެޕްގައި ހިމެނޭ ފައިސާ ލޯނު ނަގާ އުސޫލުން އަނބުރާ ދައްކަން ޖެހޭއިރު ކަނޑައަޅާފައިވާ ލިމިޓް ހަމަވަންދެން އެމްއެމްއޭ އަށް ފައިސާ ނެގޭނެއެވެ.

އާރުބީއައިއިން ބުނީ މިއީ ސާކު ގައުމުތަކާ އެކު އެކުލަވާލާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ހަމަޖައްސައި ދިން ކަރަންސީ ސްވޮޕެއް ކަމަށެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެއަށް 100 މިލިއަން ޑޮލަރު ދީފައި ވާއިރު އެ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓު ކޮށްގެން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.