އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަމިއްލަ ރަށް ގުޖުރާތުގައި މިއަދު ނިމޭ ގާނޫނު ހަދާ މަޖިލީހުގެ ވޯޓުގެ ބޮޑު އަދަދެއް ކާމިޔާބު ކުރައްވައި، 3 ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް މޯދީ ކުރައްވާ އުއްމީދު ގަދަ ކުރައްވައިފިއެވެ.

އަންނަ 2024 ގައި އިންޑިއާގެ ރިޔާސީ އިންތިހާބު ބާއްވާ އިރު ގުޖުރާތުގެ ނަތީޖާ އަކީ އެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނެރުމަށް އެންމެ މުހިންމު އެއް ވޯޓެކެވެ.

ޖުމްލަ 182 ގޮނޑީގެ ތެރެއިން މިހާތަނަށް 156 ގޮނޑި ބީޖޭޕީން ކާމިޔާބު ކޮށްފައި ވާ އިރު މިއީ މީގެ 5 އަހަރު ކުރިން ލިބުނު ނަތީޖާއަށް ވުރެ މާ ބޮޑު ކާމިޔާބީއެކެވެ. އޭރު ބީޖެޕީއަށް ލިބުނީ 99 ގޮނޑިއެވެ. މިފަހަރު އިތުރަށް 56 ގޮނޑި ނެގި އިރު މި އިންތިހާބުގައި އިދިކޮޅު ކޮންގްރެސް އަދި ރާހޫލް ގާނދީގެ ޕާޓީއަށް ލިބުނީ ޖުމްލަ 17 ގޮނޑިއެވެ. މިއީ މިދިޔަ ފަހަރާ އަޅާ ބަލާ އިރު 61 ގޮނޑީގެ ވެއްޓުމެކެވެ. ދެން އަލަށް ވާދަ ކުރި އާމްއާދަމީ ޕާޓީއަށް 5 ގޮނޑި ލިބުނު އިރު އޯޓީއެޗް ޕާޓީން ވަނީ 4 ގޮނޑި ހޯދާފައެވެ. މި އާމްއާދަމީ ޕާޓީ އަކީ ދިއްލީއާއި ޕަންޖާބް ތަމްސީލު ކުރާ ޕާޓީވެސް މެއެވެ. އެ ދެ ޝަހަރުން އެޕާޓީ ވަނީ މެޖޯރިޓީ ހޯދާފައެވެ. އަދި ދިއްލީގެ މުނިސިޕަލް ކޯޕަރޭޝަންގެ ކޮންޓްރޯލްވެސް ބީޖޭޕީ ބަލިކޮށް ނަގާފައި ވަނީ އެ ޕާޓީއިންނެވެ.

މި ނަތީޖާއަކީ 2024 ގެ ރިޔާސީ އިންތިހާބު ބީޖޭޕީއަށް ފަހިވެފައި ވާ މިންވަރު ދައްކުވައިދޭ އިންތިހާބެއް ކަމަށާއި އަދި ބީޖޭޕީގެ ތާއީދު އޮތް މިންވަރު ފެނިގެންދާ އިންތިހާބެއް ކަމަށް މުޜާސިލުން ބުނެއެވެ.

ގުރުޖާތަކީ މޯދީގެ އަމިއްލަ ރަށަށް ވުމުގެ އިތުރުން، ބީޖެޕީގެ ސަޕޯޓްވެސް ބޮޑު ޝަހަރެކެވެ. އެ ޝަހަރުގައި މޯދީއާއި އޭނާގެ އެންމެ އަރިސް އެއް ބެފުޅެއް ކަމަށް ވާ ދާހިލީ ވަޒީރު އަމިތް ޝާހު ކެމްޕެއިންގައި އުޅުއްވާތާ މަސްދުވަސް ވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް އިން ގުޖުރާތުގައި މާ ގިނަ ހަރަކާތްތަކެއް ނުހިންގާތާ ގިނަ ދުވަސްތަކެއް ވެފައިި ވުމުން، އެޕާޓީގެ ތާއީދު ވެއްޓިގެން ދިޔައީ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ވަގުތު ހިމާޗަލް ޕްރަދޭޝްގައިވެސް ވޯޓުގެ ކަންކަން ކުރިއަށް އެބަދެއެވެ. އެ ޝަހަރުގެ ނަތީޖާތައް ދައްކާ ގޮތުން ހޮވަން ޖެހޭ 68 ގޮނޑީގެ ތެރެއިން 40 ގޮނޑި މިހާރު ވަނީ ކޮންގްރެސް ޕާޓީއަށް ކާމިޔާބު ވެފައެވެ. މި ޝަހަރުން ބީޖެޕީއަށް އަދި ޔަގީން ވީ 25 ގޮނޑިއެވެ.