އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ރަށްފުށު ހިސާބެއްގައި ފެން ނަގަން ހަދާފައި ހުރި 400 ފޫޓު ފުން ވަޅަކަށް ކުއްޖަކު ވެއްޓި ތާށިވެއްޖެއެވެ. ކުއްޖާ ވެއްޓުނު ފަހުން 24 ގަޑި އިރު ވެފައި ވާ އިރު އަދި އެ ކުއްޖާ ނެގޭ ގޮތް ނުވާ ކަމަށް ހަބަރުތައް ބުނެއެވެ.
އުމުރުން 8 އަހަރުގެ އެ ކުއްޖާ ވަޅަށް ވެއްޓުނީ ރައްޓެހިންނާ އެކު ކުޅެން އުޅެނިކޮށް ކަމަށާއި އޭނާ ވަނީ ވަޅުގެ 55 ފޫޓާ ހިސާބުގައި ތާށިވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ވާރޭ ނުވެހުމާއި ފެން ލިބުން ދަތިވަ ސަރަހައްދުތަކުގައި ދަނޑުބިންތަކަށް ފެންދޭން މި ބާވަތުގެ ވަޅުތައް ހަދާފާއި ހުންނަ އިރު އިންޑިއާގައި ވަޅުތަކަށް ވެއްޓި މީގެ ކުރިން އެތައް ކުދިންނެއް މަރުވެފައި ވެއެވެ.
މި ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން ދާ އިރު މަތިން ވަޅުތެރެއަށް އޮކްސިޖަން ފޮނުވައިގެން ކުއްޖާ އަށް ހަމަ ނޭވާ ލެވޭގޮތް ހަދަމުން ދިޔަ ނަމަވެސް ކުއްޖާއާ ހަމައަށް ވަޅުތެރޭގައި ޗަކަ ހުރުމުގެ ސަބަބުން ކުއްޖާގެ ހާލަތު ދެނެގަނެވޭ ގޮތް ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިހާރު އެ ވަޅުގެ ކައިރިން އިތުރު ވަޅެއް ކޮންނަމުން ދާ ކަމަށާއި މިއަދާ ހަމައަށް އައި އިރު އަދި ކޮނެވުނީ 25 ފޫޓަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަދަ ވަޅުތަކަށް ވެއްޓިގެން އިންޑިއާގައި 2009 އިން ފެށިގެން މިހާ ހިސާބަށް 40 ކުއްޖަކު ވަނީ މަރުވެފައެވެ. އަދި މިފަދަ ކުދިން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 70 ޕަސެންޓް ވީ ފެއިލްއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުވެސް 33 ފޫޓުގެ ވަޅަކަށް ކުއްޖަކު ވެއްޓިގެން 3 ދުވަސް ވާންދެން ކުރި މަސައްކަތުންވެސް ކުއްޖާ ސަލާމަތް ނުކުރެވި މަރުވެފައި ވެއެވެ.
އާންމުކޮށް މިހެން ހުންނަ ވަޅުތަކަކި މަތި އަޅާފައި ހުންނަން ޖެހޭ ވަޅުތަކެއް ނަމަވެސް ފަރުވާ ކުޑަވުމާއި އިހުމާލުގެ ސަބަބުން މިފަދަ ވަޅުތަކުގައި މަތި ނާޅާ ދޫކޮށްލާފައި ހުރުމުން ހިނގާ މިފަދަ ހާދިސާތައް ގިނަ ވާކަމަށް ދިރާސާތަކުން ދައްކައެވެ. މިފަދަ ބައެއް ހާދިސާތައް ތާރު އަޅާ ހަދާފައި ހުންނަ ބޮޑެތި މަގުތަކުގެ އަރިމަތީގައި ހުންނަ ބޯހޯލް ނުވަތަ ވަޅުތަކަށް ވެއްޓިގެންވެސް ހިނގާފައި އެބަހުއްޓެވެ.