ތުރުކީއަށް އުފަން ޔޫސުފް ޕޮލަޓް އަށް އަދި އެންމެ 5 އަހަރެވެ. ނަމަވެސް ނުރައްކާތެރި ސިއްޙީ އެތައް މައްސަލައެއް ދިމާވެފައިވާ ޔޫސުފްގެ ބައްޔަށް ފަރުވާ ކުރުމަކީ ޔޫސުފްގެ މައިންބަފައިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ. ސަބަބަކީ ޔޫސުފް އަށް ދާއިމީ ފަރުވާއެއް ލިބޭނޭ ހަމައެކަނި ބޭހަކީ ދުނިޔޭގެ ބާޒާރުގައި ލިބެން ހުރި އެންމެ އަގުބޮޑު ބޭހަށް ވުމެވެ.
މައިބަނދަ ލެނބި، ބަނޑުގައި ލޯވަޅެއް ހުރުމުގެ އިތުރުން މަސްގަނޑު އަދި ކަށީގެ އެކި މައްސަލަތައް ދިމާވެ ޔޫސުފް ވަނީ ހިނގާބިގާވެ އުޅުމުން ވެސް މަހުރޫމުވެފައެވެ. އަދި ކާއެއްޗެހި ދިރުވުމުގަޔާއި ނޭވާލުމުގައި ވެސް އެތަކެއް ދަތިތަކެއް ހުރުމުގެ ސަބަބުން ޔޫސުފް ނިދަންވެސް ޖެހެނީ އެތަކެއް މެޝިންތަކެއް ގުޅައިގެން އޭގެ އެހީގައެވެ.
ޔޫސުފްގެ މައިންބަފައިން ވަނީ ކުރިންވެސް މި ހިތާމައާ ކުރިމަތިލާފައެވެ.
ޔޫސުފްގެ ދައްތަ އުމުރުން އެންމެ ދޮޅު އަހަރުގައި ވަނީ މިބަލީގައި ނިޔާވެފައެވެ. ނަމަވެސް މިފަހަރު ޔޫސުފްގެ މައިންބަފައިން ތިބީ އެހާ އަވަހަށް އުއްމީދު ގެއްލުވައިލާ ގޮތަކަށް ނޫނެވެ.
ޔޫސުފަށް ޖެހިފައިވާ ބަލި، ސްޕައިނަލް މަސްކިއުލާ އެޓްރޮޕީ (އެސްއެމްއޭ) ޓައިޕް 1 އަކީ ވަރަށް މަދުން ނޫނީ ނުފެންނަ އާއިލީ ގޮތުން ވާރުތަކުރާ ބައްޔެކެވެ. ނަމަވެސް މިހާރު ވަނީ އެބަލިން ގާތްގަނޑަކަށް އެއްކޮށް ފަސޭހަވާ އަދި ހުރި މިންވަރުން އިތުރަށް ބަލީގެ ހާލަތު ގޯސްނުވާ ފަރުވާއެއް ހޯދިފައެވެ. މީގެ އެންމެ ޑޯޒަކުންވެސް ބަލި ވަރަށް ބޮޑަށް ރަނގަޅުވެއެވެ.
ނަމަވެސް ޒޮލްގެންސްމާ ކިޔާ މި ތެރަޕީ އަކީ ދުނިޔޭގެ ބޭސްވެރިކަމުގެ ބާޒާރުގައި ލިބެން ހުރި އެންމެ އަގުބޮޑު ފަރުވާއެވެ. މީގެ އަގަކީ 2.1 މިލިއަން ޑޮލަރެވެ.
ޔޫސުފްގެ މައިންބަފައިން އަންނަނީ ޔޫސުފް އަށް މި ފަރުވާ ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެހީ ހޯދުމަށް ވަރަށް ގިނަ ކެމްޕެއިންތައް ބާއްވާ އަދި އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ.
ޔޫސުފްއަށް އެހީ ހޯދުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އަންހެނެއް ކަމުގައިވާ ޒޭނެޕް ސޭލަން ބުނި ގޮތުގައި މިބޭސް އުފެއްދި މީހުންގެ މަގްސަދަކީ ބަލިމީހުންނަށް އެހީވުމެއް ނޫނެވެ. އަދި ދުނިޔެއިން މިބަލި ފޮހެލުމަށް މަސައްކަތް ކުރުމެއްވެސް ނޫނެވެ. އެމީހުންގެ ހަމައެކަނި މަގްސަދަކީ ފައިސާ ހޯދުމެވެ.
މިބޭހުގެ އަގު މިހާ ބޮޑުވުމާ ގުޅިގެން ބޭސް އުފެއްދި ކުންފުނި ކަމުގައިވާ ނޮވާޓިސް އަށް ވަނީ ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިއުން ވެސް އަމާޒުވެފައެވެ. ނޮވާޓިސް އިން ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ މިބޭހުގެ އަގެއްގެ ގޮތުގައި ކަނޑައެޅީ 4 މިލިއަން ޑޮލަރާއި 5 މިލިއަން ޑޮލަރާ ދޭތެރޭގެ އަގެކެވެ. ނަމަވެސް ފަހުން ވަނީ އަގު ކުޑަ ކޮށްފައި ކަމުގައެވެ. ނޮވާޓިސް އިން ހާމަކޮށްފައިވާ ގޮތުގައި މިބޭސް މިހާ އަގު ބޮޑުވަނީ އޭގައި އެކުލެވޭ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުންނާއި އަދި މީގެ ސަބަބުން އާއިލާތަކަށް މުޅި އުމުރަށް ލުއި ލިބި ފަރުވާ ހޯދުމަށް އިތުރަށް ކުރަންޖެހޭ ހަރަދު އެތައް ގުނައެއް ކުޑަވާތީ ކަމުގައެވެ.
ނޮވާޓިސްގެ ތަރުޖަމާނަކު އަލްޖަޒީރާ އަށް ބުނެފައިވާ ގޮތުން އާންމު މީހެއްގެ އަތުން މިބަލީގެ ފަރުވާއަށް އިތުރު ގޮތްގޮތަށް ހޭދަކުރެވޭ 10 މިލިއަން ޔޫރޯ އެމީހުންގެ މި ފަރުވާގެ 1 ޑޯޒު ދިނުމުން ސަލާމަތް ވާކަމުގައެވެ. އަދި މިބައްޔަކީ ދުނިޔޭގައި ވެސް ނިސްބަތުން މަދު ބައްޔަކަށް ވުމުން މިފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު ވެސް ވަރަށް މަދުކަމުގައެވެ.
ނޮވާޓިސް އަކީ އެންމެ ގިނައިން ބޭސް އުފައްދާ އެއް ކުންފުންޏެވެ. މިއީ ސްވިޒަލެންޑް އަދި އެމެރިކާ ހިއްސާވާ މަލްޓިނެޝަނަލް ކުންފުންޏެކެވެ.
އެސްއެމްއޭ ޓައިޕް 1 ޖެހެނީ ކިހާވަރަކަށް؟
އެސްއެމްއޭ ޖެހެނީ އަލަށް އުފަންވާ 10،000 ކުދިންގެ ތެރެއިން މަދުވެގެން 1 ކުއްޖަކަށް ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.
އަދި ތުރުކީގައި މިބަލި ޖެހެނީ ކޮންމެ 6000 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ކަމަށް ވެސް ވަނީ ރިޕޯޓު ކުރެވިފައެވެ. އާންމުކޮށް މި ބަލި ޖެހެނީ އާއިލީ ގޮތުން ގުޅުން އޮންނަ ދެމީހަކު ކައިވެނި ކުރުމުން ލިބޭ ދަރިންނަށް ކަމަށް ދިރާސާތަކުން ދައްކައެވެ. ބައްޔަށް ލިބޭ ދާއިމީ ފަރުވާ އަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ގާބިލުކަން ހުރި ފަރުވާ އަކަށް ނުވުމުގެ ސަބަބުން ބަލީގެ ސަބަބުން މަރުވާ ކުދިންގެ އަދަދު ވެސް ގިނައެވެ.
އާންމުކޮށް އެސްއެމްއޭ ޓައިޕް 1 ޖެހޭ ކުދިންގެ އުމުރު ކުރެވެ. އެގޮތުން އުމުރުން 2 އަހަރު ވުމުގެ ކުރިން ބައެއް ކުދިން ދުނިޔެ ދޫކުރެއެވެ.
ދިރިއުޅުމުގައި އެތައް ދަތިތަކާއި އުނދަގޫތަކެއް
ޔޫސުފްގެ އާއިލާ ދިރިއުޅެނީ ތުރުކީގެ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރާ އަވަށެއް ކަމުގައިވާ ގެބްޒޭގައެވެ. އަދި ކުރިން ޔޫސުފްގެ ބައްޕަ އަކީ އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހެއް ނަމަވެސް ދަރިފުޅުގެ ފަރުވާ އަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށާއި ހޮސްޕިޓަލަށް ދާންޖެހޭ ފަހަރުތައް ގިނަވުމުގެ ސަބަބުން އެންމެ ފަހުން ވަޒީފާވެސް ދޫކޮށްލަން މަޖުބޫރު ވިއެވެ. މިކަމުގެ ސަބަބުން އެއާއިލާއަށް ލިބެމުން އައި ހެލްތް އިންޝުރެންސް ވެސް ވަނީ ކެނޑިފައެވެ.
މިހާ ހާލުގައި ބޮޑު ބައްޔެއް ތަހައްމަލު ކުރަމުން ދާއިރުގައިވެސް ޔޫސުފް އަބަދުވެސް ފެންނަނީ ހިނިތުން ވެފައި ހުންނަ މަންޒަރެވެ. އަދި އޭނާއާ ބައްދަލުކުރަން އަންނަ މީހުންނަށާއި ކެމެރާއަށް ވެސް ދައްކަނީ އުފާވެރި މޫނެކެވެ.
ޔޫސުފްގެ ފަރުވާ އަށް އެހީ ހޯދުމަށް އެކި ހިސާބުތަކުގައި ޔޫސުފްގެ ފޮޓޯ އަދި އެކައުންޓު ނަމްބަރު ޖަހާފައިވާ ގިނަ ބިލްބޯޑުތަކާއި އިސްތިހާރު ހަރުކޮށްފައި ވެއެވެ. އަދި އޮންލައިން ޕްލެޓްފޯމުތަކުގައި ވެސް ކެމްޕެއިން ދަނީ ކުރިއަށެވެ. ނަމަވެސް އަދިވެސް ޔޫސުފްގެ ފަރުވާ އަށް ބޭނުންވާ ވަރަށް ފައިސާއެއް ނުލިބެއެވެ.
"އަހަރުމެންނަށް މިޖެހެނީ މީހުން ކައިރީ އާދޭސްކުރަން. ބައެއް މީހުން ކުޑަ އެއްޗެއް ދޭނެ. އަނެއް ބަޔަކު އަޅާވެސް ނުލާ ދާނެ. މިއީ ވަރަށް ހިތްދަތި ކަމެއް" ޔޫސުފްގެ މަންމަ ދެރަވެފައި ބުންޏެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޔޫސުފްގެ މައިންބަފައިން ކެމްޕެއިން ފެއްޓި އިރު ޔޫސުފްގެ ފަރުވާގެ އަދަދު ހަމަކުރަން ބޭނުން ވަނީ 16 މިލިއަން ތުރުކީ ލީރާއެވެ. ނަމަވެސް ތުރުކީ ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ހަމަކުރަންޖެހޭ އަދަދު އިތުރުވެ އެމީހުންނަށް މިވަނީ އިތުރު ދަތިތަކާ ކުރިމަތި ވެފައެވެ.
ގިނަ އާއިލާތަކުން މިފަދަ ކަންކަމުގައި ސިޔާސީ އަދި މަޝްހޫރު މީހުންގެ އެހީ ހޯދިޔަސް ޔޫސުފްގެ އާއިލާ އިން މަސައްކަތް ކުރަމުން ދަނީ މިފަދަ އެހީއެއް ނެތި އަމިއްލަ ގޮތުން ހިންގާ އެކި ހަރަކާތްތަކުން ފައިސާ ހަމަކުރުމަށެވެ.
ތުރުކީގައި ރަސްމީގޮތުން މި ބައްޔަށް ދެވޭ ފަރުވާ ދޭނެ ހުއްދަ ނެތް އިރުގައި އެހެން ގައުމަކަށް ގޮސް ފަރުވާ ހޯދަން ގިނަ ދުވަސް މަޑުކުރަން ޖެހުމުގެ ސަބަބުން އެކަމަށް ވެސް ގިނަ ހަރަދުތަކެއް ދެއެވެ. އެގޮތުން އެހެން ގައުމަކުން ފަރުވާ ހޯދާކަމުގައި ވާނަމަ އެކަމަށް ދާ ހަރަދު 3 މިލިއަން ޑޮލަރަށް އަރައެވެ.
ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން ތުރުކީގެ ހެލްތު މިނިސްޓްރީ އިން ވަނީ 2020 ވަނަ އަހަރު ނޮވާޓިސް ކުންފުންޏާ އެކީ މިބޭސް ތުރުކީ އަށް އެތެރެކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ނަމަވެސް މިކަން ކާމިޔާބު ވެފައެއް ނުވެއެވެ. ތުރުކީގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މަޖިލީހުގެ ބަޖެޓު ކޮމިޓީއިން އެ ބޭހާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށާއި އެކަމަށް ބޭނުން ވެގެން ނޮވާޓިސް އިން ހޯދަން އެދުނު މައުލޫމާތު އަދިވެސް ދީފައިނުވާ ކަމުގައެވެ.
މިބަލި ތަހައްމަލު ކުރަމުން ދާ އިތުރު ކުއްޖެއްގެ މައިންބަފައިންގެ ބުރަ މަސައްކަތުން އެމީހުން ވަނީ މިދިޔަ އަހަރު ތުރުކީ އަށް މިބޭސް އެތެރެ ކުރުމަށް އެދި ކޯޓަށް ހުށައެޅި މައްސަލައެއް ވެސް ކާމިޔާބު ކޮށްފައެވެ. އަދި ތުރުކީގައި ބޭސް އެތެރެކުރާ އޭޖެންސީއެއްގެ ލިސްޓުގައި ވެސް މިބޭސް ހިމެނިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހެލްތު މިނިސްޓްރީ އިން މިކަމަށް ހުރަސް އަޅަނީ ކަމަށް ކުއްޖާގެ އާއިލާއިން ތުހުމަތު ކުރެއެވެ.
އެ ކުއްޖާގެ މަންމައަކީ ޖަރުމަނު ރައްޔިތަކަށް ވުމުން އިތުރަށް މަޑުނުކޮށް އެމީހުން ވަނީ ޖަރުމަނަށް ގޮސް ކުއްޖާއަށް ފަރުވާ ދީފައެވެ. އަދި މިހާރު އެ ކުއްޖާއަށް ހިނގޭކަމަށާއި ކަނދުރާވެސް ހަރުލާކަމަށް އާއިލާގެ ފަރާތުން ބުނެއެވެ.
އަދި މިހާރު ކުއްޖާގެ މަންމަ ވަނީ ތުރުކީގައި މިކަމަށް ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް އެހީވުމަށްޓަކައި އެބޭސް ތުރުކީއަށް އެތެރެ ކޮށްދިނުމަށް އެދި ޔޫރަޕިއަން ޔޫނިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށްވެސް މައްސަލަ ހުށައަޅާފައެވެ.
ޔޫސުފް އަށް މިހާ ގިނަ ދުވަހު އުޅެވިފައި ވަނީ ވެސް މިބައްޔަށް ދޭ އިތުރު ފަރުވާއެއް ކަމުގައިވާ ސްޕިންރާޒާގެ ސަބަބުން ކަމަށާއި ޔޫސުފް މިހާރު ވަނީ ތެރަޕީދޭ އުމުރަށް ވުރެ 3 އަހަރު ބޮޑުވެފައި ކަމަށް ވެސް ޔޫސުފްގެ މަންމަ ބުންޏެވެ. މިގޮތުން އެމެރިކާ އަދި ޖަރުމަނުގެ ހޮސްޕިޓަލްތަކުން ވަނީ އުމުރު މަތިވުމުގެ ސަބަބުން އެތަންތަނުން ޔޫސުފަށް ފަރުވާ ނުދެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ދުބާއީގެ ހޮސްޕިޓަލަކުން ވަނީ ބަރުދަން 13.5 ކިލޯ އަށްވުރެ ދަށުގައި ހުންނަހާ ހިނދަކު ޔޫސުފަށް ފަރުވާ ދެވޭނޭ ކަމަށް ބުނެފައެވެ. އެހެން ކަމުން ޔޫސުފްގެ ކެއުން ވެސް ވަކި ވަރެއްގައި ހިފަހައްޓަން ޖެހެއެވެ.
ޔޫސުފްގެ ފަރުވާއަށް އޮތް ހަމައެކަނި ހުރަހަކީ ފަރުވާއަށް ބޭނުންވާ ވަރަށް ފައިސާ ހަމަނުވުމެވެ. އަދި މީގެ އިތުރުން ތުރުކީ އަށް ބޭސް އެތެރެ ކުރުމަށް އޮތް ހުރަސް ނެތިގެން ނޫނީ އަމިއްލަ ގައުމުގައި ވެސް މިކަމެއް ކުރެވޭކަށް ނެތެވެ. ނަމަވެސް ތުރުކީގެ ހެލްތު މިނިސްޓްރީ އިން އަދިވެސް ބުނަމުންދަނީ ޒޮލްޖެންސްމާގެ ހަގީގަތް ރަނގަޅަށް ދެނެނުނެވެނީސް މި ފަރުވާ ތުރުކީގައި ދިނުމަށް ހުއްދަ ދެވެން ނެތް ކަމުގައެވެ.
މިހާރުވެސް ޔޫސުފް ފަދައިން މިބަލި ތަހައްމަލު ކުރަމުން ދާ 12 ވަރަކަށް ކުދިންގެ އާއިލާ އިން ދަނީ އެހީ ހޯދުމުގެ ކެމްޕެއިންތައް ހިންގާ ފަންޑު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި އަދަދު މިއަށްވުރެ ވެސް އިތުރު ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޮވާޓިސްގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި ތުރުކީގެ ސިޔާސަތު މިކަމާ ގުޅޭގޮތުން އޮތް ގޮތެއް އެމީހުން ބަލަން ބޭނުންނުވާ ކަމަށާއި ނަމަވެސް ކޮންމެ ގައުމެއް ވިޔަސް ޒޮލްޖެންސްމާ އަކީ މިބައްޔަށް ދެވޭ ކާމިޔާބު ޖީން ތެރަޕީއެއް ކަމުގައެވެ.
ޔޫސުފްގެ ފަރުވާ އަށް ފައިސާ އެއްކުރުމަށް ހިންގަމުން އަންނަ ކެމްޕެއިނަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިހާރު ވަނީ ފައިސާ ހަމަވުމާ ކައިރިވެފައެވެ. އަދި ޔޫސުފްގެ މައިންބަފައިން ބުނާގޮތުން އެމީހުން ތިބީ ކޮންމެ ފަދަ ހާލެއްގައިވެސް ޔޫސުފް އަށް މިފަރުވާ ހޯދައި ދީ ރަނގަޅު ކުރުމުގެ އުއްމީދުގައެވެ.