އއ. ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމާ ގުޅިގެން ޕެރޭޑެއް ބާއްވަން ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އއ. ތޮއްޑު އާއި އެ އަތޮޅުގެ އުކުޅަހުގައި މިއަދާއި މާދަމާ ޕެރޭޑު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމާ ގުޅިގެން އެ ރަށުގެ ކައުންސިލްގެ އެދުމަށް މިއަދު ޕެރޭޑު ބާއްވާނެ ކަމަށާއި، އުކުޅަހުގެ ކައުންސިލުން އެދިގެން އެ ރަށުގައި މާދަމާ ޕެރޭޑު ބާއްވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެ ރަށުގައި ޕެރޭޑު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގައި ކަމަށާއި، ޕެރޭޑުގެ ތެރެއިން އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ތޮއްޑޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރަން ސިފައިން ކުރިއަށް ގެންދިޔަ ޕެރޭޑް / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނި ގޮތުގައި، ތޮއްޑު އާއި އުކުޅަހުގައި ޕެރޭޑު ކުރިއަށްދާ ވަގުތު ޕެރޭޑު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ސިފައިންގެ އިސްވެރިން ދެ ރަށަށް ވެސް ވަޑައިގަންނަވާނެއެވެ.

މިނިވަން ދުވަސް ފަދަ އެކި ހަފްލާތަކުގައި ސިފައިން ބާއްވާ ޕެރޭޑަށް އާންމުންގެ ބޮޑު ތަރުހީބެއް އަބަދު ވެސް ލިބެއެވެ. އާންމުކޮށް މާލޭގައި ޕެރޭޑު ބޭއްވި ނަމަވެސް، ފަހަކަށް އައިސް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް އެމްއެންޑީއެފުން ދަނީ ޕެރޭޑު ބާއްވަމުންނެވެ.