ޕޯސްޓު މެދުވެރިކޮށް އައި ޕާރުސަލެއްގައި ހުރި ޑްރަގަކީ އެ ޕާރުސަލްގެ ވެރިފަރާތަށް އެނގިގެން ހުރި އެއްޗެއްކަން ސާބިތު ކޮށްނުދެވުމުން، ޑްރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން ޖުލައި 3 ގައި އައި އެ ޕާރުސަލާ އެކީ ފުރަތަމަ ހައްޔަރުކުރީ އެ ޕާރުސަލް ބަލައި ދިޔަ މީހާއެވެ. އޭނާގެ ހާޒިރުގައި ޕާރުސަލް ކަނޑާފައި ބެލި ބެލުމުން 244 ގްރާމްގެ ކޮކެއިން ހުރި ޕެކެޓެއް ފެނިފައިވެއެވެ.

ޕާރުސަލްގެ އަސްލު ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ، އެ ޕާރުސަލް ބަލާ އައީ އެހެން މީހަކު ބުނެގެން ކަމަށް، ޔޫޕީއެސް އޮފީހަށް ދިޔަ މީހާ ބުނުމުންނެވެ. އެ މައްސަލައިގައި ދައުވާ ލިބޭ މީހާ ހައްޔަރުކޮށްފައި ވަނީ، ފުލުހުން ދެވަނަ އަށް ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބު މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ހުކުމުގައި ވިދާޅުވީ، ދައުވާ ލިބޭ ފަރާތް ފޮށިގަނޑާ ހަވާލުވިކަން ސާބިތުކުރެވުނު ނަމަވެސް، އެ ފޮށިގަނޑުގައި ޑްރަގް ހުރީ އެނގިގެންކަން ސާބިތުނުވާ ކަމަށެވެ. ގާޒީ ފާހަގަކުރެއްވި ގޮތުގައި މޯބައިލް ފޮރެންސިކް ރިޕޯޓުން މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް އެ ރިޕޯޓާ ހަވާލާދީ ދައުލަތުން ބުނީ، ޑްރަގާ ގުޅޭ މުއާމަލާތްތައް ކޮށް، ޑްރަގް ފޮނުވުމަށާއި ފައިދާ ބަހާނެ ގޮތުގެ ތަފްސީލު ހުރި ޗެޓް ލޮގުތަކެއް ފެނިފައިވާ ކަމަށެވެ.

އެކަމަކު ޝަރީއަތުން އެ ދިރާސާކުރި އިރު، އެ މައްސަލައިގައި ފެނިފައިވާ ޑްރަގާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ގާޒީ ކުރެއްވި ހުކުމްގައިވެއެވެ.