ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށެވެ.

އެ އޮޕަރޭޝަނުގައި، ހުޅުމާލެ މަގުމަތިން ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށް ވެސް ދީފައިވާ ކަމަށެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޑޮލަރު ގަތުމަށް މުއާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުއާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ދިއުމަކީ އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.