ވޯލްޑްކަޕަކީ ދިވެހިންވެސް އެ މުބާރާތަކަށް ފޯރިއާ އެކު ތައްޔާރު ވެފައިވާ މުބާރާތެކެވެ. ޖޯޒީ ހަދާ ވިއްކުމާއި، ކްލަބްތަކުގެ ދިދަ ދެމުމާއި، އެމީހަކު ލޯބިކުރާ ޓީމެއްގެ ޖޯޒީ ލައިގެން އުޅުން ފަދަ ކިތަންމެ ކަމެއް ކުރެއެވެ.
މިހާރު ގަތަރުގައި ކުރިއަށް ދާ ވޯލްޑްކަޕަށް ވެސް ދިވެހިން އެ ފޯރީގައި ތައްޔާރުވެ، ޓީމުތައް ކަނޑައަޅާ، މޮޅުވާނެ ޓީމެއް ދެނެގަތުމަށް އަންދާޒާތައް ދަނީ ހަދަމުންނެވެ. ހަމައެއާއެކު އެމީހަކު ސަޕޯޓު ކުރާ ޓީމެއް ބަލިވެއްޖެނަމަ އެ ކުރިމަތިވާ މާޔޫސްކަމާއި، ރަހުމަތްތެރިންނާއި އާއިލާގެ މީހުން، އެމީހަކާ ދިމާކޮށް ސަމާސާ ކުރުމުގެ ކަންކަންވެސް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން ޕްރެޑިކްޓް ކޮށް ބެޓް ކޮށް ހެދުމާއި ބަލިވެ ނުވަތަ މޮޅުވެއްޖެ ނަމަ ޕިއްޒާ އާއި ކޮފީ ދިނުން ފަދަ ކިތަންމެ ކަމެއް ދަނީ ހިނގަމުންނެވެ.
ރާއްޖޭގެ ފޯރީގެ ވާހަކަ ބާއްވާފައި މިފަހަރު، ފޯރީގެ ވާހަކަ މި ގުޅުވާލަނީ ކްރިކެޓައިގެން މޮޔަވެފައި ތިބޭ އިންޑިއާގައި ވޯލްޑްކަޕަށް ހާއްސަ ފޯރިއެއް ނެރެފައިވާ ކެރަލާއަށެވެ.
ދެކުނު އިންޑިއާގެ ކެރަލާގެ ކޮޒިކޯޑޭ ސަރަހައްދަކީ ފުޓްބޯޅައަށް އާދަޔާ ހިލާފު ފޯރިއަކާއި ލޯތްބެއް އޮންނަ ސަރަހައްދެކެވެ. އެމީހުންނަށް ކްރިކެޓަށް ވުރެ މުހިންމީ ފްޓްބޯޅައެވެ.
މިފަހަރުގެ ވޯލްޑްކަޕް އައި އިރު، ކޮޒިކޯޑޭގެ ކޮންމެ މަގެއް، ކޮންމެ ގޯޅިއެއް އަދި ބޮޑެތި މަގުތަކާއި ކޯރުތަކުގައިވެސް ވަނީ އެ ބަޔަކު ސަޕޯޓު ކުރާ ޕްލޭޔަރުންގެ މާ ސިންގާ ޕޯސްޓަރު ކަނޑާ ނަގާ ބެނާ ހަދާފައެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ލިއޮނެލް މެސީއާއި، ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެނޫންވެސް މަޝްހޫރު އެތައް ބައެއްގެ މާސިންގާ ބުދުތައް ޕްރިންތްކޮށް ކަފާ ނަގައިގެން ވަނީ ހަދާފައެވެ. އަދި ލަނބުރާން ޖަހާ ނުވެއްޓޭނޭހެން އެކި ސަރަހައްދުތަކަށް އެ ސޫރަތައް ނަގާފައި ވާ އިރު، ފްޓްބޯޅަ ބެލުމަށްވެސް ހާއްސަ ފޯރިއެއް އެމީހުން ދަނީ ނެރެމުންނެވެ.
އެ ސަރަހައްދުގައި އެންމެ ހިނގާ 2 ޓީމަކީ އާޖެންޓީނާ އާއި ބްރެޒީލްއެވެ. އެ 2 ޓީމުގެ ބޮޑެތިސިންގާ ދިދަތައް އެ އަވަށުގެ އެތަން މިތާނގައި ދަމާފައި ވެއެވެ. މީގެ 40-50 އަހަރު ކުރިން ސުރެ ފެށިގެން ފްޓްބޯޅައަށް ލޯބި ކުރާ އެ އަވަށުގައި އާޖެންޓީނާގެ މަރަޑޯނާ އަކީ އެމީހުންނަށް ކަލާނގެ އެއް ފަދަ މީހެކެވެ. މަރަޑޯނާގެ ބޮޑެތި ޕޯސްޓަރުތައް ހަދާފައި ވާ އިރު މެސީގެވެސް އެހާ ބޮޑެތި ޕޯސްޓަރު ވަނީ ދަމާފައެވެ.
ކޮޒިކޯޑޭގައި މަގުމަތީ ފުޓްސަލް ނުވަތަ 'ސެވަން އެ ސައިޑް' ކޮށް ބޯޅަ ކުޅޭނެ އެތައް ތަނެއް ވަނީ ހަދާފައެވެ. ވާރޭވެހި ފެން ހިނދޭ ތަންތާނގައި ފޯރިއާއެކު އެމީހުން ކުޅެމުން ދާ އިރު، ގިނަ ޒުވާނުންގެ ވަނަމަކީވެސް އެޓީމު ތަކުގެ ކުޅުންތެރިންގެ ނަންތަކެވެ.
ބާސިތު އާއި ބިލާލް އަހުމަދު ފަދަ ޒުވާން ވިޔަފާރިވެރިންގެ ވިޔަފާރީގެ ބޮޑު ބަޔަކީވެސް ފްޓްބޯޅައެވެ. ދަނޑުވެރިކަމާއި މަސައްކަތުގެ ދާއިރާގައި ކޮޒިކޮޑޭއަކީ ކުރިއަރާފައި ވާ ތަނަކަށް ނުވުމާއެކު، އެ ސަރަހައްދުގެ މީހުން ގިނަވަގުތު ހޭދަކުރަނީ ކުޅުމުގައެވެ.
އިންޑިއާ އަކީ ކްރިކެޓަށް ހާއްސަ ގައުމެއް ނަމަވެސް ފްޓްބޯޅައިގެ މި ލޯތްބަކީ އެ ގައުމުން ފެންނަ ތަފާތު ލޯތްބެކެވެ.