ޒަހަމްވެފައި އޮތް ބުޅަލެއް ފަރުވާ ހޯދުމަށް އަމިއްލައަށް ހޮސްޕިޓަލަށް ގޮސްފިއެވެ.

ތުރުކީ ގައި ހުންނަ ބްރިޓްލިސް ޓެޓްވާން ސްޓޭޓް ހޮސްޕިޓަލަށް މި ބުޅާ އަމިއްލަ އަށް ދިޔައީ މީހެއްގެ އެހީ ހޯދުމަށެވެ. ބުޅާ ހޮސްޕިޓަލަށް ވަންނަ ވީޑިއޯ އެއް މިހާރު ވައިރަލް ވެފައި ވާއިރު އެ ވީޑިއޯ އިން ފެންނަނީ ބުޅަލެއް ކޮރަމުން ހޮސްޕިޓަލަށް ވަންނަތަނެވެ. ބުޅާ ހޮސްޕިޓަލު ތެރޭ އެނބުރެނިކޮށް ނަރުހަކަށް އެތަން ފެނިގެން ވަނީ ބުޅަލަށް އެހީތެރިވެދީފައެވެ.

ނަރުސް ބުނީ ޑިއުޓީގައި އުޅެނިކޮށް ހޮސްޕިޓަލު ތެރެއިން ބުޅަލެއް ކޮރަމުން އަންނަ ތަން ފެނުމުން ބުޅާ ނެގުމަށް ފަހު އެގްޒާމިން ކުރި ކަމަށެވެ. ބުޅާ ފެނުނު ވަގުތު ބުޅަލުގެ ފައިތިލަ ހަލާކުވެފައި ވާކަން އެނގުނު ކަމަށާއި ވަގުތުން ފައިތިލައިގައި ސްޕްލިންޓް (އޯގަންތައް ހިފަހައްޓަން ބޭނުންކުރާ) އެއް ލެއްވި ކަމަށެވެ. އަދި ކުޑަވަގުތުކޮޅަކަށް ބުޅާ އަރާމުކުރުމަށް ބޭއްވި ކަމަށްވެސް ނަރުސް ބުނެފައި ވެއެވެ.

އޭނާ ބުނީ ބުޅަލަށް ހިތްހަމަޖެހޭ ވަރަށް އަރާމުކޮށްލެވުމުން ހޮސްޕިޓަލުން ނުކުތް ކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެ ބުޅާ އެ ހޮސްޕިޓަލަށް އައި ކަމަށެވެ. ނަރުސް ބުނީ ބުޅާ އަލުން ހޮސްޕިޓަލަށް އައީ ޗެކަޕް ހަދަން ކަަމަށެވެ. އޭނާ ބުނީ އެ ބުޅަލަށް ހޮސްޕިޓަލުގެ ސްޓާފުން ދިން ނަމަކީ ޑެވްސޯ ކަމަށާއި ޑެވްސޯ އަކީ މުޅި ހޮސްޕިޓަލަށް ވެސް ވަރަށް ހާއްސަ ޕޭޝަންޓެއް ކަމަށެވެ.