މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ހިއްސާއަކީ، އިމާރާތް ކުރުމުގެ ސިނާއަތުގައި ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ބޭނުންކުރުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރު ކަމުގައިވާ، "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިން އަ ބެޓާ ވޯލްޑް" މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ. ދިވެހިރާއްޖެއަށް ހިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.

އެގޮތުން އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައި ހެދުމާއި، ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތް ކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތާއި ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ވެސް އިސްކަންދޭންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޓޫރިސްޓް ރިޒޯޓްތަކުގެ އިމާރާތްކުރުމުގެ ފެންވަރާއި ފަރުމާތަކަކީ އެފަދަ ދެވަނައެއް ނެތް ތަންތަން ކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ ރިސޯޓްތަކުން އެމީހުންގެ އުފެއްދުންތެރި ހުނަރާއި ފަންނުވެރިކަމާއި އީޖާދީ ވިސްނުންތައް މިއަދު ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމަށް ދިވެހި ކުންފުނިތަކަށް އެމަނިކުފާނު ގޮވާލައްވާފައެވެ.

އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ގައުމުތަކަށް އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަގްސަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެންބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމާއަތެކެވެ. 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިޖަމާއަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ. ފަސްދުވަހުގެ މުއްދަތަށް ބާއްވާ މިކޮންވެންޝަން ކުރިޔަށްދަނީ، ޕެރަަޑައިސް އައިލެންޑް ރިސޯޓުގައެވެ.